ކުޅިވަރު

އައިއޯއައިޖީގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަ ޕިކަޕު ބުރެއް


"އިންޑިއަން އޯޝަން އައިލެންޑް ގޭމްސް"، އައިއޯއައިޖީގައި ދިވެހިރާއްޖެއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާލޭގެ މަގުތަކުގައި ޚާއްސަ ޕިކަޕު ބުރެއް ބާއްވައިފިއެވެ.

އައިއޯއައިޖީގައި ބައިވެރިވި ދިވެހި ކޮންޓިންޖެންޓަށް މަރުޙަބާ ކިޔުމަށް ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ރަސްމީ ޙަރަކާތަށްފަހު، މިމުބާރާތުން އެކި ކުޅިވަރުތަކުން ރަން ވަނަތައް ޙާސިލުކުރި ބައިވެރިންނާއި އެފަރާތްތަކުގެ ކޯޗުންނާއި ޢާއިލާ މެމްބަރުން ހިމެނޭހެން މާލޭގެ ބޮޑެތި މަގުތަކުގައިވަނީ ޚާއްސަ ޕިކަޕު ބުރެއް ބާއްވާފައެވެ. މިޕިކަޕު ބުރުގައި ބައިވެރިވި ކުޅުންތެރިންގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފެނިގެންދިޔައިރު، ޢާއްމުންގެ ފަރާތުންވެސްވަނީ ޓީމަށް އައްސަރިބަހާއި ސާބަސް ކިޔުމުގެ ގޮތުން ތަޢުރީފުގެ ބަސްތައް ރައްދުކޮށްފައެވެ.

މިފަހަރުގެ ގޭމްސްގައި ދިވެހިރާއްޖެއިން 9 ކުޅިވަރެއްގައި ބައިވެރިވެ، 15 މެޑަލް ވަނީ ޙާސިލުކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތަކުން ދިވެހިރާއްޖެ މިހާބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ. މި މުބާރާތުން ދިވެހި އެތްލީޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޕިކަޕު ބުރު ބޭއްވުމުގެ އިތުރުން ވަކިވަކި ކުޅިވަރުތަކުން ހޯދި ކާމިޔާބީ ފާހަގަކުރުމަށްވެސް ތަފާތު ހަރަކާތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީ މޮރިޝަސްގައި ކުރިއަށްގެންގޮސްފައިވާއިރު، 2023ވަނަ އަހަރުގެ އައިއޯއައިޖީގެ ބިޑު ދިވެހިރާއްޖެއިން ކާމިޔާބުކޮށް، 11ވަނަ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު މިހާރު ވަނީ ލިބިފައެވެ.