ސަރުކާރުން މަސްވެރިކަމުގެ ޤާނޫނަށް ގެންނަ ބަދަލުތަކަކީ މަސްވެރިންގެ އިޚްސާސްތައް ދެނެތިބެ ގެންނަ ބަދަލުތަކެއް ކަމުގައި ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަންކުރާ ސަރަހައްދުތަކުގައި އޮފްޝޯ ޕްލެޓްފޯމް ޤާއިމްކުރުމާއި ގުޅޭގޮތުން ހުށަހެޅިފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ސަރުކާރުގެ ފަރާތުން 5 ޤަރާރެއް މަސްވެރިކަމުގެ ދާއިރާއަށް ހުށަހަޅާފައިވަނީ ހެޔޮބަދަލުތަކެއް ގެނައުމަށްކަމަށެވެ. މަސްވެރިންނަށް ހަމައަގު ހޯދައިދީ، މަސްވެރިންނަށް މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލުތަކެއް ލިބިގެންދާނީ ޤާނޫނުގެތެރެއިން ގެންނަންޖެހޭ ބަދަލުތަކެއް ގެނެސްގެން ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި މި ޤަރާރަކީވެސް ގިނަ ދިރާސާތަކެއްކޮށް، އޮފްޝޯ ޕްލެޓްފޯމްއަޅާނެ ބޭރުގެ ފަންނަނީ ފަރާތްތަކާއި ވާހަކަދައްކައި ހިސާބުތަކެއް ހެދިގެން ހުށަހެޅިފައިވާ ޤަރާރެއްކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ. އަދި މިފަދަ ޕްލެޓްފޯމްތަކެއް އެޅުމަށްޓަކައި ބޭރުގެ އިންވެސްޓަރުން ހޯދުމަކީ ފަސޭހަ ކަމެއްކަން މިހާތަނަށް ކުރެވުނު މަޝްވަރާތަކުން އެގިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިޤަރާރަށް ވާހަކަދެއްކެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، އޮފްޝޯޕްލެޓްފޯމް އެޅިގެންދާނީ މަސްވެރިންގެ މަޝްވަރާގެ މަތިންކަމަށެވެ. އެގޮތުން މި ޤާއިމްކުރެވޭ ޕްލެޓްފޯމްތަކަކީ ފްލޯޓްކުރެވޭ ޕްލެޓްފޯމްތަކަކަށް ވުމުން، އެދުވަސްވަރެއްގައި މަސްވެރިކަންކުރާ ސަރަހައްދުތަކެއްގައި ޕްލެޓްފޯމް ބެހެއްޓިގެންދާނެކަމަށެވެ.
ރާއްޖޭގެ 4 ސަރަހައްދެއްގައި ޕްލެޓްފޯމްތައް ގާއިމްކުރެވޭއިރު މިއީ މަސްވެރިކަން ކުރަމުންދާ 25 ހާހަށްވުރެ ގިނަ މަސްވެރިންނަށް ލިބޭ ބޮޑުލުޔަކަށް ވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ. މިބިލަށް ވާހަކަދެއްވި އިދިކޮޅު ސިޔާސީ މެމްބަރުންގެ ތެރެއިން ނައިފަރު ދާއިރާމެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމާއި ގުޅޭ 5 ޤަރާރެއް މަޖިލީހަށް ހުށަހަޅުއްވައިގެން އުޅެނީ މަސްވެރިންނާއި އެއްވެސް މަޝްވަރާއެއް ނުކޮށް ސިޔާސީ މަންފާތަކެއް ހާސިލްކުރުމަށް ކަމަށެވެ. އަދި މިއީ އެކްޓިވިސްޓުންގެ ލަފާގެ މަތިން ވަކި މަޤްސަދެއް ހާސިލް ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ޝިޔާމްވަނީ ތުހުމަތު ކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަންކުރާ ސަރަހައްދުތަކުގައި އޮފްޝޯ ޕްލެޓްފޯމް ޤާއިމްކުރުމާއި ގުޅޭގޮތުން ހުށަހެޅި ޤަރާރަށް ގިނަ މެންބަތުންތަކެއް ވަނީ ވާހަކަ ދައްކަވައި އެކި ޝުއޫރުތައް ފާޅުކުރައްވާފައެވެ.