ޚަބަރު

އެކްސިޑެންޓްތަކުގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް- ނާއިބް ރައީސް


ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެގެން ދިޔުމަކީ މުޅި މުޖުތަމަޢަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވައި މަގުމަތީގެ ޤަވާއިދުތަކަށް އަހުވެރިކުރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ރޯޑް ސޭފްޓީ ކެމްޕޭން" އިފްތިތާޙްކުރުމަށް ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަމަށާ އެއީ މުޅި މުޖުތަމަޢަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ފަށާފައިވާ މި ޕްރޮގްރާމް ކާމިޔާބުކުރެވެން އޮތީ މަގުމަތީގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއްދީ، އެންމެން އެއްބާރުލުންދީގެން ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަ ފުޅުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، މަގުމަތީގައި ދުއްވާއެއްޗެހި ދުއްވުމުގައި އެކަކު އަނެކަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނާއިބު ރައީސް ވަނީ ތައުލީމީ މުޖުތަމައެއް ބިނާކޮށް ތަޢުލީމަށް ޙާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުން ޙާއްސަ އިސްކަމެއްދޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނެއް އެކުލަވާލައި ސަރުކާރުން ކުރިއަށް ގެންދާ ރޯޑް ސޭފްޓީ ކެމްޕޭނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި މަގުމަތީގެ ޤަވާއިދުތަކަށް ރައްޔިތުން އަޙުލުވެރިކުރުވުމުގެ ގޮތުން ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނާ އެއްގޮތަށް ހިންގާ ދިގުމުއްދަތުގެ ކެމްޕޭނެކެވެ.