ކުޅިވަރު

ސިންގަލްސް ބައިން ރަން މެޑަލް ދީމާ އަށް، ރަފާއަށް ރިހި މެޑަލް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީ އަންހެން ސިންގަލްސްއިން ރަން މެޑަލް ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ. ދީމާ ރަން މެޑަލް ހޯދީ ފައިނަލްގައި އައިޝަތު ރަފާ ނާޒިމް އާއި ވާދަކޮށް 1-4 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި ނަތީޖާއާއެކު ރާއްޖޭން މި ގޭމްސްގައި ހޯދަން ކަނޑައެޅި 15 މެޑަލުގެ އަމާޒަށް މިވަނީ ވާސިލްވެފަ އެވެ. އަންހެން ސިންގަލްސް ފައިނަލުގެ ފުރަތަމަ ސެޓު ރަފާ ކާމިޔާބުކުރީ 6-11 އިންނެވެ.

ނަމަވެސް ޖެހިގެން އައި ތިން ސެޓުވެސް ދީމާ ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ދެވަނަ ސެޓު ދީމާ ކާމިޔާބުކުރީ 7-11 އިން ނެވެ.

މެޗުގެ ތިންވަނަ ސެޓު 5-11 އިން ދީމާ ކާމިޔާބުކުރި އިރު، ހަތަރު ވަނަ ސެޓު 7-11 އިން ކާމިޔާބުކޮށް ދީނާ ވަނީ ސިންގަލްސް ޗެމްޕިއަންކަން ހޯދުމާއި ގާތަށް ޖެހިލާފައެވެ.

ސިންގަލްސް ޗެމްޕިއަންކަން ދިމާ ކަށަވަރުކުރީ މެޗުގެ ހަތަރުވަނަ ސެޓުގައި ފަސޭހަ ކަމާއެކު 4-11 އިން ކާމިޔާބުކޮށްގެންނެވެ

މުބާރާތުގެ ސިންގަލްސް ފައިނަލަށް ދީމާ ދަތުރުކުރީ ސެމީ ފައިނަލްގައި މޮރީޝަސްގެ އެއްވަނަ ކުޅުންތެރިޔާ ގޮކުލް ވިދާދު ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ މޮރީޝަސްގެ ވިދާދެވެ. އެއީ 08-11 އަދި 08-11އިންނެވެ. ޖެހިގެން އައި ދެ ސެޓު ދީމާ ކާމިޔާބުކުރީ 11-05 އަދި 11-03 އިން ނެވެ. ފަސްވަނަ ސެޓު 09-11އިން ވިދާދު ކާމިޔާބުކުރި ނަމަވެސް ދީމާވަނީ ފަހު ދެ ސެޓު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ.

ފައިނަލުން ރަފާ ޖާގަ ހޯދީ ސެމީ ފައިނަލުގައި މޮރީޝަސްގެ ޖަލިމް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ރަފާ ހޯދީ ފަސޭހަކަމާއިއެކުގައެވެ. އެއީ 11-06 އަދި 11-03އިންނެވެ. ޖެހިގެން އައި ތިން ސެޓު 07-11، 07-11 އަދި 04-11އިން ކާމިޔާބުކޮށް މެޗުގެ ކޮންޓްރޯލް ޖަލީމް ހޯދިއެވެ. އެހެންނަމަވެސް ރަފާވަނީ 11-06އިން މެޗުގެ ހަވަނަ ސެޓު ހޯދައި ނަތީޖާ 3-3އަށް ބަދަލުކޮށްލާފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ސެޓުގައި ގިނަ ވަގުތު ކުރީގައި އޮތީވެސް މޮރީޝަސް ކުޅުންތެރިޔާއެވެ. އެހެންނަމަވެސް ފޯރިގަދަ ސެޓު އިތުބާރާއިއެކު ކުޅެ 12-10އިން ކާމިޔާބުކޮށް ރަފާ ފައިނަލުން ޖާގަ ހޯދިއެވެ.

މި ނަތީޖާއާއެކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ހޯދަން އަމާޒުކުރި 15 މެޑަލުގެ ޓާގެޓް ވަނީ ހާސިލްކޮށްފަ އެވެ. މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހެދި ޓާގެޓެކެވެ. ރާއްޖޭން 2015 ވަނަ އަހަރު 10 މެޑެއްޔަށް ޓާގެޓްކޮށް ހޯދުނީ 9 މެޑެއްޔެވެ.