ޚަބަރު

ޖުލައި ސައްބީހުގެ ކުލައިން ޖަރީވި ލިބާސް ސައްބީސް


ދިވެހިރާއްޖޭގެ 54 ވަނަ ފަޚުރުވެރި މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޙަރަކާތްތައް ކުރިއަށްގެންދަމުން އެބަދެއެވެ. ޘަޤާފީ ޙަރަކާތްތަކާއި ޒަމާންވީ ކާބަފައިންގެ އާދަކާދަ ދިރުވައި މިނިވަންދުވަހުގެ އުފަލުގައި ދިވެހިން ބައިވެރިވަމުންދާއިރު މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ޓްވިޓަރގައި މިދުވަސްވަރު ދައުރުވަމުންދާ ހޭޝް ޓެގް "ލިބާސް ސައްބީސް" އެވެ.

ޖުލައި ސައްބީސް ނުވަތަ މިނިވަން ދުވަހާއި ގުޅުވައިގެން ޓުވިޓަރގައި ދައުރުވަމުންދާ މި ހޭޝްޓެގަކީ ދިވެހިންގެ ޘަޤާފީ ހެދުމެއްކަމަށްވާ ލިބާސް ލައިގެން ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި މިދުވަސްވަރު ޝެއަރކުރަމުންދާ ހޭޝްޓެގެކެވެ.

މި ހޭޝްޓެގް ޓްވިޓަރގައި ދައުރުވުމާއެކު ގިނަ ބަޔަކު ހޭޝްޓެގް ބޭނުންކޮށް ތަފާތު ފޮޓޯތަކެއް ސޯޝަލް މިޑިއާގައި ހިއްސާކޮށްފައިވެއެވެ. އެގޮތުން މީގެ ކުރިން ކާބަފައިން ލައިއުޅުނު ލިބާހާއި ޒަމާނަށް އައި ބަދަލައިއެކު ލިބާހަށް އައިސްފައިވާ ބަދަލު މި ފޮޓޯތަކުން ފެނެއެވެ. މި ހޭޝްޓެގް މެދުވެރިކޮށް މުސްކުޅިންނާއި ކުޑަކުދިން އަދި ޒުވާނުންގެ ފޮޓޯތައް ޓްވިޓަރގައި ޝެއަރކޮށްފައިވާއިރު ސަރުކާރުގެ އިސްބޭބޭފުޅުން ވެސް ވަނީ މި ހޭޝްޓެގްގައި ބައިވެރިވެ ލިބާސް ތުރުކުރައްވައިގެން ތިބި ފޮޓޯތައް ސޯޝަލް މިޑިއާގައި ހިއްސާކުރައްވާފައެވެ.

މި ހޭޝްޓެގުގައި ފޮޓޯ ހިއްސާކޮށްފައިވަނީ ހަމައެކަނި ދިވެހިންނެއް ނޫންނެވެ. ބޭރު މީހުންވެސް މި ހޭޝްޓެގްގައި ދިވެހި ލިބާސް ލުމަށްފަހު ފޮޓޯ ހިއްސާކޮށްފައިވެއެވެ.

ކޮންމެއަކަށް "ލިބާސް ސައްބީސް" މި ހޭޝްޓެގް ދިވެހީންނަށް ވަރަށް ޚާއްސައެވެ. ހަމައެކަނި މިނިވަންކަމާއި ގުޅުންހުރީތީވެސް ނޫނެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި ރިވެތި ޘަޤާފަތް މި ހޭޝްޓެގުން ވެސް ދައްކުވައިދޭތީއެވެ. މިއީ ހަމަގައިމުވެސް ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިވާނެ ކަމެއްކަން ޔަޤީނެވެ.

އެހެންވީމަ، މާ ލަސްނުކޮށް ލިބާސް ލައިގެން ހުރި ފޮޓޮއެއް "ލިބާސްސައްބީސް" ޖެހުމަށްފަހު ޓްވިޓަރގައި ހިއްސާކޮށްލަންވީއެވެ. އަދިވެސް މިނިވަންދުވަހުގެ ފޯރި އޮތީ ކުރިއަށެވެ.