ޚަބަރު

ޙައްޖާޖީންގެ ފޯނުތަކުގައި "ޓްރެކިންގ އެޕް" ބޭނުންކުރަން އިލްތިމާސްކޮށްފި


ޙައްޖަށްދާ ޙައްޖާޖީން ގެއްލިޖެ ހާލަތެއްގައި ހޯދުމަށް ފަސޭހަކުރުމަށްޓަކައި ޙައްޖާޖީންގެ ފޯނުތަކުގައި ޓްރެކިންގ އެޕް ބޭނުންކުރުމަށް ސަޢޫދިޢަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެވެ.

އެމްބަސީން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމުގައި ބައެއް ދިވެހިން ގެއްލިގެން ހޯދަންޖެހޭތީ، އެކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ހޯދުމުގެ ބޭނުމުގައިކަމަށް އެމްބަސީން ވިދާޅުވެއެވެ. ދިވެހި އެމްބަސީން ވަނީ ޙައްޖާޖިންގެ ފޯނުތަކުގައި ޓްރެކިންގ އެޕް ބޭނުންކުރުމަށް ޙައްޖަށް ގެންދާ ގްރޫޕްތަކާއި ކުންފުނިތަކަށް އިލްތިމާސްކޮށްފައެވެ.

ޙައްޖާޖީންނަށް ބޭނުންވާއެހީތެރިކަން ފޯރުކޮށްދިނުމަށްސަޢުދީގެ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ޓީމެއް ޖިއްދާއާއި މައްކާގައި އަންނަނީ ޙަރަކާތްތެރިވަމުންނެވެ. އަދި ދިމާވާ ކޮންސިއުލަރ އިމަޖެންސީ ހާލަތްތަކުގައި އެމްބަސީން އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށްވެސް ސަޢޫދީގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި 2000 ކޯޓާ ސަޢުދީން ރާއްޖެއަށް ދީފައިވެއެވެ. ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންނަށް އެހީތެރިވުމަށް ސަޢުދީ އަރަބިއްޔާގެ މައްކާގައި ޙައްޖު މިޝަންގެ އޮފީސް މިއަހަރުވެސް ވަނީ ޤާއިމުކޮށްފައެވެ. މިއަހަރު ރާއްޖެއިން ޙައްޖު ކޯޕަރޭޝަނާއެކު 6 ކުންފުންޏެއްގެ ހަވާލުގައި މީހުން ޙައްޖަށް ދާނެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ މީހުން ފުރަން ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. މިއަހަރު ރާއްޖެއިން 1900އެއްހާ މީހުން ޙައްޖައްދާނެއެވެ. އެންމެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 5 ވަަނަ ދުވަހުއެވެ.