ކުޅިވަރު

2023ގައި އައި.އޯ.އައި.ޖީ ބޭއްވުމުގެ ފުރުޞަތު ރާއްޖެއަށް


2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހޯސްޓް ކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

11 ވަނަ އައި.އޯ.އައި.ޖީ ބޭއްވުމުގެ ފުރުޞަތު ރާއްޖެއަށް ލިބުނީ މިއަދު މޮރީޝަސްގައި ބޭއްވި ސީ.އައި.ޖޭ ކައުންސިލް ވޯޓިންގައި، ރާއްޖެއާއެކު ބިޑަށް ވާދަކުރި މަޑަގަސްކަރައާއި ކޮމޮރޯސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ވޯޓިންގައި މެމްބަރު 6 ޤައުމުން ވޯޓް ލާފައިވާއިރު ރާއްޖެއަށް ވަނީ 4 ވޯޓް ލިބިފައެވެ. ރާއްޖެއާއި ވާދަކުރި ކޮމޮރޯސް އާއި މަޑަގަސްކަރައަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

ރާއްޖެއިން ވަނީ މިފަހަރުގެ އައިއޯއައިޖީ ފެށުމުގެ ކުރިން މި މިޑް ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރަޢީސުލް ޖުމްހޫރިއްޔާ ޢިބްރާހިމް މުޙައްމަދު ޞާލިހުގެ ޚާއްސަ މަންދޫބުންގެ ގޮތުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވަނީ މެމްބަރ ޤައުމުތަކުގެ ތާޢީދު ހޯދުމަށް، އެޤައުމުތަކަށް ދަތުރުކުރައްވައި، އެޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

ރާއްޖެއިން ބިޑް ކާމިޔާބު ކުރުމާއި ގުޅިގެން ރަޢީސުލް ޖުމްހޫރިއްޔާ ޢިބްރާހިމް މުޙައްމަދު ޞާލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 11 ވަނަ އައި.އައި.ޖީ ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ލިބުމަކީ ލިބުނު ބޮޑު ފަޚުރެއް ކަމަށާއި، ރާއްޖެއިން މިގޭމްސްގައި މެދުކެނޑުމެއްނެތި ބައިވެރިވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިއީ ގޭމްސްގައި ބައިވެރިވާ އެހެން ޤައުމުތަކަށް ނަމޫނާ ދައްކަން ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން ބިޑް ކާމިޔާބުކުރުމުން އެކަމުގެ އުފަލުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދް ވިދާޅުވީ، މިއީ ރާއްޖޭގެ ކުޅިވަރުގެ ވަސީލްތައް ތަރައްގީކޮށް ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމެއް ކަމަށާއި، މިއީ އައި.އޯ.އައި.ޖީގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ފުރިހަމަ ގޭމްސް ރާއްޖޭގައި ބާއްވަން އެންމެން އެކުގައި މަސައްކަތް ފަށަންވީ ވަގުތުކަމަށެވެ.

2023ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ބޭއްވުން ވެގެންދާނީ މިހާތަނަށް ދިވެހި ތާރީޚުގައިވެސް ރާއްޖޭގައި ބައިނަލްއަގްވާމީ ބޮޑު ކުޅިވަރު މުބާރަތެއް ބޭއްވޭ ފުރަތަމަ ފަހަރަށެވެ.

މޮރީޝަސްގައި މިހާރި ކުރިއަށްދާ އައި.އޯ.އައި.ޖީގައި ރާއްޖެއިން ވަނީ މިހާތަނަށް 3 ރަންމެޑަލް ހޯދާފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ކާމިޔާބު ގޭމްސްކަން ފާހަގަ ކޮށްލެވެއެވެ.