ކުޅިވަރު

ހާފް މެރަތަންގެ ޤައުމީ ރެކޯޑު ޝިފާޒު މުގުރާލައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ވާދަކޮށް ހާފް މެރަތަންގެ ޤައުމީ ރެކޯޑު ޝިފާޒު މުޙައްމަދު މުގުރާލައިފިއެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރަތަންއިން މެޑައްޔެއް ހޯދާނެކަމަށް ގިނަ ބަޔަކު އުއްމީދުކުރި ޝީފާޒަށް ހާފް މެރެތަންގެ ޤައުމީ ރެކޯޑު މުގުރާލީ ގާތްގަނޑަކަށް ދެ މިނެޓުގެ ކުރިއެރުމަކާއިއެކުގައެވެ. މިއަދު އޭނާ ރޭސް ނިންމީ 1 ގަޑިއިރާއި 10 މިނެޓު 55 ސިކުންތުންނެވެ. 13 ދުވުންތެރިން ވާދަކުރި ރޭހުން ޝިފާޒް ދިޔައީ ހަތަރުވަނައަށެވެ.

ހާފް މެރެތަންގެ ޤައުމީ ރެކޯޑު ކުރިން އޮތީ މުޙައްމަދު ޝަރަފް އަތުގައެވެ. އޭނާ މިދިޔަ އޭޕްރިލް މަހު ހާފް މެރަތަންގެ ޤައުމީ ރެކޯޑު ހެދީ 1 ގަޑިއިރާއި 12 މިނެޓު 52 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އިއްޔެގެ ހާފް މެރަތަންގައި ޝިފާޒްވެސް ވާދަކުރިއެވެ. އެކަމަކު އޭނާ އަކުނިވަޔަށް ދަމައިގެން ރޭސް ފުރިހަމަ ނުކުރެއެވެ.

އިއްޔެ ކުރިއަށްދިޔަ އެތްލެޓިކްސް އެހެން އިވެންޓްތަކަށް ބަލާއިރު، 5000 މީޓަރު ފިރިހެން ދުވުމުގައި ވާދަކޮށް ހުސައިން ފަޒީލް ހާރޫނު ދިޔައީ ރޭހުގެ ހަވަނައަށެވެ.

4 ގުނަ 400 މީޓަރު ރިލޭގައި ދިވެހި އަންހެން ޓީމާއި ފިރިހެން ޓީމް ވާދަކޮށް ދެ ޓީމްވެސް ދިޔައީ ފުލަށެވެ.

މި އިވެންޓްތަކާއިއެކު މިފަހަރުގެ ގޭމްސްގައި އެތްލެޓިކްސްގެ ހުރިހާ އިވެންޓެއް ނިމުނީއެވެ. އެތްލެޓިކްސް ޓީމަށް މިފަހަރުގެ ގޭމްސްގައި ލިބުނީ ތިން ލޯ މެޑައްޔެވެ. އެއީ 200 މީޓަރު ދުވުމުން ސާއިދު ހޯދި މެޑައްޔާއި، 4 ގުނަ 100 މީޓަރު ރިލޭގައި ރާއްޖޭގެ ސްޕްރިންޓަރުން ހޯދި މެޑައްޔެވެ.