ޚަބަރު

ދުނިޔޭގެ އެންމެ އުސް ޢިމާރާތް ދިވެހި ދިދައިން ދިއްލާލައިފި


އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަ ދުނިޔޭގެ އެންމެ އުސް ޢިމާރާތް "ބުރުޖް ޚަލީފާ" މިރޭ ދިވެހި ދިދައިން ދިއްލާލައިފިއެވެ.

އެޢިމާރާތުގެ އެންމެ ތިރިން އެންމެ އުސް ކުންނާހަމައަށް ދިވެހި ދިދައިން ދިއްލާލާފައިވަނީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 54ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެގޮތުންނެވެ.

ދުނިޔޭގެ އެކި ޤައުމުތަކަށް އަންނަ އެކިކަހަލަ މުނާސަބާތަކާއި ޙާދިސާތަކާ ގުޅިގެން އެކަން ފާހަގަކުރުމަށް "ބުރިޖު ޚަލީފާ" އެޤައުމުތަކުގެ ދިދަތަކުން ދިއްލައެވެ. އެހެންނަމަވެސް އެކުވެރި ޢަރަބި ޢިމާރާތް ފަދަ ދުނިޔޭގެ މިފަދަ މަޝްހޫރު ޤައުމެއްގެ މަޝްހޫރު ޢިމާރާތެއް ދިވެހި ދިދައިން މީގެކުރިން ދިއްލާފައެއް ނުވެއެވެ.

"ބުރުޖް ޚަލީފާ" މިރޭ ދިވެހި ދިދައިން ދިއްލުމާއެކު، ގިނަ ބައެއްގެ ސަމާލުކަން މިވަނީ ރާއްޖެއަށްވެސް ލިބިފައެވެ.

އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން މި ސރުކާރު އައުމަށްފަހު ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން ޔޫއޭއީއަށް ދަތުރުކުރާ ދިވެހިންނަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން މިހާރު ވަނީ އެއް މަސް ދުވަހުގެ ހިލޭ އޮންއެރައިވަލް ވިސާ ލިބޭގޮތްވެސް ހަމަޖައްސާދީފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ މިއަހަރުގެ ކުރީކޮޅު ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއާއި ގުޅުން ބަދަހި ކުރުމަށް ބައެއް އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކޮށްފައެވެ. ޔޫއޭއީއަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ.

ދުނިޔޭގެ އެންމެ އުސް ޢިމާރާތް "ބުރުޖް ޚަލީފާ" މިރޭ ދިވެހި ދިދައިން ދިއްލާލާފައި

އެކުވެރި އަރަބި ޢިމާރާތުގެ ވެރިރަށް ދުބާއީގައި ހުންނަ ބުރުޖް ޚަލީފާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ އުސް ޢިމާރާތެވެ. މިޢިމާރާތުގެ އުސްމިނުގައި 829.8 މީޓަރު ނުވަތަ 2,722 ފޫޓު ހުރެއެވެ. ބްރިޖް ޚަލީފާ ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުނީ 21 ސެޕްޓެމްބަރ 2004 ގައެވެ. 163 ބުރީގެ މި ޢިމާރާތުގެ މަސައްކަތް ނިމި ހުޅުވިފައިވަނީ 4 ޖެނުއަރީ 2010 ގައެވެ.

ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭން ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުންވެސް އަންނަނީ ތަފާތު ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އެމްބަސީތަކުގައި ދިވެހި ދިދަ ނެގުމުގެ ހަރަކާތްތަކާއި، މިނިވަންދުވަހުގެ ތަފާތު އިޙްތިފާލުތައް ދަނީ ބާއްވަމުން. އެގޮތުން ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޗައުދްރީ ފަވާދު ޙުސެއިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުންވެސް އެކި ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިން އެއްތަނަކަށް އެއްވެ މިނިވަންދުވަސް ފާހަގަކުރުމަށް ތަފާތު ކުޅިވަރު ހަރަކާތްތައްވެސް ދަނީ ހިންގަމުން. ހަމައެހެންމެ ރާއްޖޭގެ މިނިވަންދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ދުނިޔޭގެ އެކި ޤައުމުތަކުންވެސް ދަނީ ކިޔަމުންނެވެ.


މިއަދު ފާހަގަކުރަމުން މިދާ ޜާއްޖޭގެ މިނިވަންދުވަހަކީ 26 ޖުލައި 1965 ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާގުޅިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހެވެ.