ކުޅިވަރު

އަޖުފާންއާއި މައިސާގެ ޕެއަރއަށް ބްރޮންޒް މެޑަލް!


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން މިކްސް ޑަބަލްސްގެ ސެމީ ފައިނަލުން ބަލިވި ނަމަވެސް އަޖުފާންއާއި މައިސާގެ ޕެއަރއިން ބްރޮންޒް މެޑަލް ޔަގީންކޮށްފިއެވެ.

މިކްސް ޑަބަލްސް ސެމީ ފައިނަލްގައި މުޙައްމަދު އަޖުފާން ރަޝީދުއާއި، މައިސާ ފަތުހުﷲގެ ޕެއަރ ބަލިވީ މޮރީޝަސްގެ އެއްވަނަ ޕެއަރ އަތުން 2 ސެޓު 1 ސެޓުންނެވެ. މި މެޗުން ބަލިވިކަމުގައިވިޔަސް މި އިވެންޓުން ބްރޮންޒް މެޑަލް މައިސާއާއި އަޖުފާނަށްވަނީ ޔަގީންވެފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަނުން ރާއްޖެއިންވަނީ މިހާތަނަށް 5 މެޑަލް ޔަގީންކޮށްފައެވެ. ޓީމް އިވެންޓުގައި އަންހެން ޓީމް އަދި ފިރިހެން ޓީމްވެސް ބްރޮންޒް މެޑަލް ހޯދިއިރު މިކްސް ޑަބަލްސްއިންވެސް ބްރޮންޒް ޔަގީންވީއެވެ. ދެން އޮތީ މާދަމާ ކުޅޭ ދެ ފައިނަލު މެޗުން ލިބޭ މެޑައްޔަކަށް އިންތިޒާރުކުރުމެވެ.

މާދަމާ އަންހެން ޑަބަލްސް ފައިނަލްގައި ނަބީހާއާއި ނަބާހާގެ ޕެއަރ ވާދަކުރާއިއިރު، ސިންގަލްސް ފައިނަލްގައި ނަބީހާވެސް ވާދަކުރާނެއެވެ. މި ފައިނަލްތަކާއިއެކު މިފަހަރުގެ ގޭމްސްގެ ބެޑްމިންޓަން އިވެންޓްތައް ނިމޭނެއެވެ.