ސިޔާސީ

މަޖިލީހުގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް


ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެހިކަލެއް ގަތުމަށް ބިޑުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގާފައިވާކަމަށް ތުހުމަތުކުރާ މައްސަލައެއް އޭސީސީއަށް ހުށައަޅައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ އިދާރާއަށް ވެހިކަލެއް ހޯދުމަށް ކުރި ބިޑަކަށް އެއިދާރާގެ މުވައްޒަފެއް ކުރިމަތިލައި ކޮރަޕްޝަނަށް ޝައްކުކުރެވޭ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށެވެ.

އެކަން މަޖިލީހުގެ ބިޑް އިވެލުއޭޓްކުރާ ކޮމިޓީން އަމީން ޢާންމުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އަމީން ޢާންމު ވިދާޅުވިއެވެ. މިއީ ބޮޑު އަގެއް ހިމެނޭ ބިޑެއްކަމަށާ، މި މައްސަލާގައި މަޖިލީހުގެ އިދާރާގެ އިތުރު މުވައްޒަފުންތަކެއްވެސް ޝާމިލުވާކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

" ބޮޑު މައްސަލައެއްކަމުން އެހެން މުވައްޒަފުންގެ ޝާމިލްވުން އޮތަކަމަށް ބެލެވޭ. އެ މުވައްޒަފުންގެ ކަންކަން މިއިދާރާގަ އޮންނާނެ ހިއުމަން ރިސޯސް އެންޑް މެނޭޖްމަންޓް ކޮމިޓީން އަންނަނީ ދިރާސާކުރަމުން." އަމީން ޢާއްމު ވިދާޅުވިއެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅާފައިނުވާކަމަށް މަޖިލީހުގެ އަމީން ޢާންމު ވިދާޅުވިއެވެ. މި މައްސަލަ މަޖިލީހުގެ އިދާރާގެ ފަރާތުން އޭސީސީއަށް ތަޙްޤީޤްކުރުމަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.