ކުޅިވަރު

5000 މީޓަރުގެ ޤައުމީ ރެކޯޑު މަރީ މުގުރާލައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 5000 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ޤައުމީ ރެކޯޑު މުގުރާލައިފިއެވެ.

މަރީ ޤައުމީ ރެކޯޑު އައުކުރީ އައިއޯއައިޖީގެ 5000 މީޓަރު ދުވުމުގައި ވާދަކޮށް 20 މިނެޓު 10.20 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑު ކުރިން އޮންނަނީ މަރިޔަން އިނާޔާ ފާރޫޤް އަތުގައެވެ. އިނާޔާ މި ރެކޯޑު ހެދީ 2009 ވަނަ އަހަރު ފުވައްމުލަކުގައި ކުރިއަށްދިޔަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓުގައެވެ. އިނާޔާ ރޭސް ނިންމީ 20 މިނެޓު 45.7 ސިކުންތުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މަރީވަނީ މިހާތަނަށް ދުވި ދެ އިވެންޓުގައިވެސް ޤައުމީ ރެކޯޑު އައުކޮށްފައެވެ. 10000 މީޓަރުގެ ޤައުމީ ރެކޯޑު މަރީ އައުކުރީ ތިން މިނެޓުގެ ކުރިއެރުމަކާއިއެކުގައެވެ.

އައިއޯއައިޖީގެ ހާފް މެރެތަންގައިވެސް މަރީ ދުވުމަށްވަނީ ހަމަޖެހިފައެވެ. ހާފް މެރަތަންގެ ޤައުމީ ރެކޯޑު އޮންނަ އެތްލީޓަކިވެސް މަރިޔަމް އަބްދުލްކަރީމްއެވެ.