ކުޅިވަރު

ޓީޓީ ތަރި ރަފާގެ ތަމްރީނުތަކަށްވެސް ސަރުކާރުން ޚަރަދުކުރާނެ - މަޚްލޫފު


ރާއްޖޭގެ ޒުވާން، ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޢާއިޝަތު ރަފާ ނާޒިމްގެ ތަމްރީންތަކަށްވެސް ސަރުކާރުން ޚަރަދުކުރާނެކަމުގެ ޔަގީންކަން ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފު ދެއްވައިފިއެވެ.

ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ ޢަލީގެ ތަމްރީންތަކުގެ ޚަރަދުތައްވެސް ބަލަހައްޓަނީ ސަރުކާރުންނެވެ. އޭނާއަށް ސަރުޚާރުން މިފަދަ ޚަރަދުތަކެއްކުރަންފެށީ އޭނާ ސަރަޙައްދީ މުބާރާތްތަކުން ހޯދި ބޮޑެތި ކާމިޔާބީތަކާއިއެކުގައެވެ. ދީމާއާއިއެކު މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަފާ ނާޒިމްވެސްވަނީ މޮޅު ކުޅުމެއް ދައްކައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ރަފާއާއި ދީމާ ވަނީ މިހާތަނަށް މި މުބާރާތުގައި ދެ، ރަން މެޑަލް ހޯދާފައެވެ.

ދީމާ އާއި ރަފާ ރަން މެޑަލް ހޯދުމާއެކު އެ ދެކުޅުންތެރިން ވެފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއެއްގައި ދެ ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ ދެ ކުޅުންތެރިންނަށެވެ. މި ދެކުޅުންތެރިން ހިމެނިގެން މި ގޭމްސްގައި އަންހެން ޓީޓީ ޓީމު ވަނީ ޓީމު އިވެންޓުންވެސް ރަން މެޑަލް ހޯދާފައެވެ. އަދި ޑަބަލްސްގެ ޗެމްޕިއަން ޕެއަރއަކީވެސް ދީމާއާއި ރަފާގެ ޕެއަރއެވެ.

މިނިސްޓަރ މަޙުލޫފު ވިދާޅުވީ ރަފާއަކީވެސް ފުރުސަތު ދޭންޖެހޭ ކުއްޖެއްކަން އޭނާ ސާބިތުކޮށްދީފިކަމަށާ، ދީމާއާއިއެކު ޗައިނާ ކަހަލަ ޤައުމެއްގައި ތަމްރީން ހެދުމަށް ރަފާއަށްވެސް ސަރުކާރުން ޚަރުދުކުރާނެކަމަށެވެ. ސަރުކާރުން ޓީޓީއަށް ނުވަތަ މި ކުޅުންތެރިންނަށް އިންވެސްޓްކޮށްދޭން ޖެހެނޭކަމަށް އެކުޅުންތެރިން ސާބިތުކޮށްދީފިކަމަށާ، މިއީ ގިނަ ކާމިޔާބީތަކެއްގެ ފެށުންކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.