ޚަބަރު

"ރުއްގަނޑު ފެސްޓިވަލް 2019" ގައި ނަމުގައި ކޮމިއުނިޓީ ފެއަރއެއް ބާއްވަނީ


"ރުއްގަނޑު ފެސްޓިވަލް 2019" ގެ ނަމުގައި ކޮމިއުނިޓީ ފަންޑްރައިޒް އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.

ބެނެފިޓް އިން އިންތިޒާމްކޮށްގެން ބާއްވާ މި ޙަރަކާތް އޮންނާނީ 03 އޮގަސްޓް 2019ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 – 23:00އަށް ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައެވެ. މި ފެއަރ އަކީ ހުރިހާ އުމުރެއްގެ ބޭފުޅުންނަށާއި ޢާއިލާތައް އެކުގައި ޒިޔާރަތްކޮށް ވަގުތުހޭދަކޮށްލުމަށް ހުޅުވާލެވިފައިވާ ފެއަރއެކެވެ. އަދި މިފެއަރގައި ފަންނުވެރިން އެބޭފުޅުންގެ މަސައްކަތްތައް ގިނަ އަދަދެއްގެ ބޭފުޅުންނަށް ދައްކާ، ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގޮތުން މި ފެއަރގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްގެ ގޮތުން "ޕްލާންޓް ފެސްޓިވަލް"، ކޭކުއަޅާ ހުނަރުވެރިންގެ ރަހަތައް ދައްކާލުމުގެ މަޤުސަދުގައި "ކޭކު ފެސްޓިވަލް"، ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ ހަރަކާތްތަކާއެކު "ޗިލްޑްރަންސް ފެސްޓިވަލް"، "އާރޓްސް އެންޑް ކްރާފްޓްސް" ގެ ނަމުގައި ދިވެހި އުފެއްދުންތެރިންގެ ފަންނީ މަސައްކަތްތައް ދައްކުވައިދޭ ސްޓޯލްތަކާއި އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު "މިއުޒިކް ފެސްޓިވަލް" ވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ބެނެފިޓް އަކީ އަންހެނުން ބާރުވެރިކުރުމާއި ތިމާވެށި ރައްކާތެރިކުރުމާއި އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއަޅައި 2017ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.