ޚަބަރު

ފަނޑިޔާރު ޙަސަން ޢަލީއާ، ޤާޟީ ޢަބްދުﷲ ޢަލީގެ މައްސަލައެއް ޖޭއެސްސީން ބަލަނީ


ހައިކޯޓް ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޢަލީއާ، ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީގެ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ 78 ވަނަ ބައްދަލުވުމުގައި ވަނީ ތިން ފަނޑިޔާރަކާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކެއް ބެލުމަށް ކޮމިޓީތަކެއް އެކުލަވާލާފައެވެ. އެގޮތުން ހައިކޯޓު ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޢަލީއާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާ ބެލުމަށް
ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީއާ ކޮމިޝަނުގެ މެންބަރ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅު އަދި ކޮމިޝަނުގެ މެންބަރު އިބްރާހީމް ރިފްއަތު ހިމެނޭ ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ.

އަދި ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާ ބެލުމަށް ކޮމިޝަނުގެ ނާއިބުރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީއާ ކޮމިޝަނުގެ މެންބަރ އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހިމާ އަދި ކޮލިޝަންގެ މެންބަރު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ހިމެނޭ ކޮމިޓީއެއްވަނީ އެކުލަވާލާފައެވެ.

މީގެ އިތުރުން ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޝަރީފާއި ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާ ބެލުމަށް ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ހުސްނީ، ކޮމިޝަނުގެ މެންބަރ އަލްއުސްތާޛު
ޢަބްދުއްރައޫފް އިބްރާހީމް އަދި ކޮމިޝަންގެ މެންބަރު އަލްއުސްތާޛު މުޙައްމަދު ޢީޞާފުޅު ހިމެނޭ ކޮމިޓީއެއްވަނީ އެކުލަވާލެވިފައެވެ.

މި ތިން ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިންމާފައިވާއިރު، ރާއްޖޭގެ އެންމެ މަތީކޯޓުތަކުން ފަނޑިޔާރުންނާއި، ދަށުކޯޓުތަކާއި މެޖިސްޓްރޭޓްކޯޓުތަކުގެ ޤާޟީންނާއި ގުޅޭގޮތުން އާންމު ފަރާތްތަކުންނާއި، އަދި ކޮމިޝަނުގެ މެންބަރުން ހުށަހަޅާ މައްސަލަތައްވެސް މިހާރުދަނީ ބަލަމުންނެވެ. މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކަށް ނަޞޭޙަތްތެރިވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިމަހުގެ 22 ވަނަ ދުވަހު ވަނީ ނިންމަވާފައެވެ.