ވިޔަފާރި

47 އަހަރުވެފައިވާ ބޫޓެއް 4 ލައްކަ ޑޮލަރަށް ވިއްކާލައިފި


ބޫޓު އުފައްދާ މަޝްހޫރު ނައިކީ ކުންފުނިން މީގެ 47 އަހަރު ކުރިން އުފައްދާފައިވާ ދުވުމަށް ޚާއްސަ ބޫޓެއް 4 ލައްކަ ޑޮލަރަށްވުރެ އަގުބޮޑުކޮށް ވިއްކާލައިފިއެވެ.

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދިޔަ ނީލަމެއްގައި ވިއްކާލި މި ބޫޓަކީ 1972 ވަނަ އަހަރު ނައިކީ ކުންފުނިން އެންމެ ފުރަތަމަ އުފެއްދި ބޫޓުތަކުގެ ތެރެއިން ބޫޓެކެވެ. މޫން ޝޫވގެ ނަން ދެވިފައިވާ މި ބޫޓަކީ 1972 ވަނަ އަހަރު އޮތް އޮލިމްޕިކްގެ ޓްރަޔަލްސްއަށް ނައިކީ ކުންފުނީގެ އެއް ބާނީކަމަށްވާ ބިލް ބޮވާމަން ޑިޒައިންކުރި ބޫޓެކެވެ.

ޙަބަރުތައް ބުނާގޮތުން 437500 ޑޮލަރަށް މިބޫޓު ގަނެފައިވަނީ ކެނެޑާގެ އިންވެސްޓަރެއްކަމަށްވާ މައިލްސް ނަޑާލްއެވެ. މީގެ ކުރިންވެސް އޭނާ ވަނީ 8 ލައްކަ ޑޮލަރަށްވުރެ އަގުބޮޑުކޮށް ލިމިޓެޑް އެޑިޝަން ބޫޓުތަކެއް ގަނެފައެވެ.

ނީލަން އިންތިޒާމްކުރި ފަރާތުން ބުނީ މިހާ އަގުބޮޑުކޮށް ސްނީކާސް ބޫޓެއް ނީލަމެއްގައި ވިއްކާލާފައިނުވާކަމަށާއި މިއީ ރެކޯޑެއްކަމަށެވެ. މީގެކުރިން ސްނީކާސް ބޫޓެއް އެންމެ އަގުބޮޑުކޮށް ނީލަމެއްގައި ވިއްކާލާފައިވަނީ 2017 ވަނަ އަހަރު އެއްލައްކަ ނުވަދިހަ ހާސް ޑޮލަރަށްވުރެ އަގުބޮޑުކޮށް އެމެރިކާގެ ކެލިފޯނިއާގައެވެ. އެފަހަރު ވިއްކާލާފައިވަނީ ކުރީގެ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ މައިކަލް ޖޯޑަން ބޭނުންކުރި ބޫޓެކެވެ.