މުނިފޫހިފިލުވުން

ދިވެހި ފިލްމު "ލީނާ" ޕްރިމިއަރކޮށްފި


ދިވެހި ފިލްމު "ލީނާ" ޕްރިމިއަރކޮށްފިއެވެ.

މި ފިލްމު ޕްރިމިއާ ކުރަން ރޭ އޮލިމްޕަހުގައި ބޭއްވި ހަފްލާގައި ފިލްމު ޕްރިމިއަރ ކޮށްދީފައިވަނީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) އެވެ.

މި ހަފްލާގައި ވާހަކަދައްކަމުން މުހައްމާ ވަނީ، ފިލްމީ ދާއިރާއަކީ އޭނާ ވަރަށް ލޯބިވާ ދާއިރެއް ކަމަށާއި އަބަދުވެސް ފިލްމީ ދާއިރާގެ ކަންކަމުގައި އެހީތެރިވާނެ ކަމަށް ވިދާޅުފައެވެ. އަދި އަމިއްލަ ފިލްމެއް ހެދުމުގެ މަސައްކަތްވެސް ކައިރި މުސްތަޤުބަލެއްގައި ފަށާނެކަމަށްވެސް މުހައްމާ ވިދާޅުވިއެވެ.

ރޭ ޕްރިމިއަރ ކުރެވުނު ފިލްމް "ލީނާ"އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިއަހަރުގެ ތެރޭގައި އެ ފިލްމެއްގެ ވާހަކަ އެންމެ ގަދައަށް ދެކެވުނު އެއް ފިލްމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ޢަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓުކޮށްފައިވާ މި ފިލްމާ ގުޅޭގޮތުން ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމު ތަކުގައިވެސް ވަނީ ތަފާތު ވާހަކަތަކެއް ދެކެވިފައެވެ. އެގޮތުން ފިލްމްގެ ވާހަކައާ ގުޅޭގޮތުން އެކި މީހުން އެކި ޝުއޫރު ފާޅުކޮށްފައިވާއިރު ބައެއް މީހުން މި ފިލް ބޮއިކޮޓް ކުރުމަށް ގޮވާލާ ޓްވިޓާގައި ކެމްޕެއިނެއްވެސް ކޮށްފައިވެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރ އަދި ފިލްމުގެ ލީޑް އެކްޓަރ ޢަބްދުﷲ މުއާޒު (މުއާ) ބުނެފައިވަނީ ފިލްމު ހެދީ ވަކި މަޤުސަދެއްގައި ކަމަށާއި އެ މަޤްސަދު ހާސިލްވެއްޖެ ކަމަށެވެ. އަދި ފުރަތަމަ ޝޯވ ބެލި ފަރާތްތަކުންވެސް ފިލްމް ބަލައިގެންފައިވާ ކަމަށެވެ.

މި ފިލްމަކީ ގިނަ ދުވަސްތަކަކަށްފަހު މުއާގެ ތަފާތު އެކްޓިންއެއް އަލުން ބޮޑުސްކްރީނުން ފެނިގެންދާ ފިލްމެވެ. ފިލްމުގައި މުޖުތަމައުގައި ހިނގާ ތަފާތު މައްސަލަތަކުގެ އިތުރުން ހެއްވާ މަޖާ ކަންތައްތަކެއްވެސް ފެނިގެން ދެއެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ 2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެތަނުގެ މުވައްޒަފު އަޒްލީނާގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެންނެވެ. އަދި މި ފިލްމުގެ މެއިން ކެރްކްޓާ ލީނާ (އައްޒަ)ގެ ހަޔާތުގައި ދިމާވާ ތަފާތު ކަންތައްތަކެއް މި ފިލްމުން ދައްކުވައިދެއެވެ. މިއީ މިއަހަރު ނުކުތް އައްޒަގެ 4 ވަނަ ފިލްމެވެ.

މި ފިލްމުގައި މުއާ އާއި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޒީނަތު އައްބާސް، އަޙްމަދު ސައީދު، އަޙްމަދު އީސާ (އާނަންދު)، އަދި މަރިޔަމް ހަލީމެވެ.

އއ. އުކުޅަހުގައި ކުޅެފައިވާ މި ފިލްމުގެ ސިނެމޮޓޯ ގްރަފީ ހަދައިދީފައި ވަނީ އިބްރާހީމް ވިޝާން (ކަނޑި) އެވެ. ފިލް ޕްރޮޑިއުސް ކޮށްފައިވަނީ މުއާ އާއި ސައްޔާހް އައްބާސްއެވެ.