ކުޅިވަރު

ޝިއުނާޒްއާއި، އެޑަމް ބީޗް ވޮލީން ލޯ މެޑަލްވެސް ހޯދައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް އިވެންޓުން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދުއާއި އާދަމް ނަސީމްގެ ޕެއަރ ލޯ މެޑަލް ހޯދައިފިއެވެ.

10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމް އިވެންޓުން ރިހި މެޑަލް ރާއްޖޭގެ ޓީމުން އިއްޔެ ހޯދިއިރު، އިންޑިވިޖުއަލް އިވެންޓުން ލޯ މެޑަލް ރާއްޖޭގެ ޕެއަރ ހޯދީ މިއަދު ސީޝެލްސްގެ ޕެއަރ ބަލިކޮށްގެންނެވެ. ސީޝެލްސްގެ ޕެއަރ އަތުން ޝިއުނާޒްއާއި އެޑަމްގެ ޕެއަރ މޮޅުވީ 21-15 އަދި 21-10އިންނެވެ.

މިއީ ރާއްޖޭގެ ބީޗް ވޮލީ ޓީމެއް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިއީ ބީޗްވޮލީ ބޯޅައިން ބައިނަލްއަގްވާމީ މުބާރާތަކުން ހޯދި ފުރަތަމަ މެޑައްޔެވެ.

މުބާރާތުގެ ޓީމް އިވެންޓުން ރާއްޖޭގެ ޓީމް ރިހި މެޑަލް ހޯދީ މޮރީޝަސް، ސީޝެލްސް އަދި ކޮމޮރޯސްގެ ޕެއަރތައް ބަލިކޮށްގެންނެވެ. ޓީމް އިވެންޓުގައި ރާއްޖެ ބަލިވީ ރިޔޫނިއަން އަތުން އެކަންޏެވެ.