ޚަބަރު

ރާއްޖޭގައި ލޮލުގެ ފަރުވާ ހަރުދަނާކުރުމަށް ޗައިނާއިން އެހީވަނީ


ރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ޚިދުމަތްފުޅާކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނެވެެ.
ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޭންގް ލިރޯންގއެވެ. މިއެއްބަސްވުމުގެ ދަށުން ލޮލުގެ ޚާއްސަ ފަރުވާދެވޭނެ ގޮތަށް ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކޮށް އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހޮޅުމާލޭ ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކޮށް ލޮލުގެ ހުރިހައި ޚިދުމަތްތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ލޮލުގެ ސަރޖަރީތައްވެސް ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުން ހެދޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ޚިދުމަތްތައް ފުޅާކޮށް އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމަށް ބޭނުންވާ އާލާތްތައް މިއެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީން ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ޚިދުމަތްތަކުގެ ފެންވަރު މަތިކުރާއިރު ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާގެ ލޮލުގެ ޚާއްސަ ޑޮކްޓަރުން މަސައްކަތްކުރައްވާނެކަމަށެވެ. އަދި ލޮލުގެ ޑިޕާޓްމަންޓްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީންތައް ޗައިނާގައި ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ޗައިނާ ސަރުކާރުގެ އެހީގެ 2015 އަހަރާއި 2017ވަނަ އަހަރުވަނީ ލޮލުގެ ޚާއްސަ ކޭމްޕްތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ. މި ކޭމްޕްތަކުގައި ހާހަކަށްވުރެ ގިނަ މީހުން ސްކްރީންކޮށްފައިވާއިރު ސަތޭކަ އަށްޑިހައަށް ވުރެ ގިނަ މީހުންގެ ކެރެކްޓަރ ސަރޖަރީތައްވަނި ހަދާފައެވެ. 2017ވަނަ އަހަރު ރާއްޖެއާއި ޗައިނާއާއެކު ސިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއެއްބަސްވުމުގެ ދަށުން ލޮލުގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށް ޗައިނާ ސަރުކާރުންވަނީ 9.2 މިލިއަން ރުފިޔާގެ އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފައެވެ.