ކުޅިވަރު

ނޭމާ ގަތުމަށް މެޑްރިޑުން ބިޑްކޮށްފި


ޕީއެސްޖީ ދޫކޮށް ބާސެލޯނާ އަށް ދާން ބޭނުންވެފައި ހުރި ފޯވަޑް ނޭމާ ގަތުމަށް ރެއާލް މެޑްރިޑުން ބިޑްކޮށްފި ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

ސްޕެނިޝް މީޑިއާތަކުން ބުނާ ގޮތުގައި ރެއާލްއިން ހުށަހަޅާފައިވަނީ 90 މިލިއަން ޕައުންޑާއި ގެރެތް ބޭލް އެވެ. ޕީއެސްޖީން މީގެ ދެ އަހަރު ކުރިން ނޭމާ ގަތީ 222 މިލިއަން ޕައުންޑަށެވެ. މިހެންވެ އެކުލަބުން މިހާތަނަށް ބުނަމުން އައީ ބޭނުންވަނީ 250 މިލިއަން ޕައުންޑް ކަމަށެވެ.

ނޭމާ މިވަގުތު ހުރީ ޕީއެސްޖީއާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އޭނާ ވަނީ ކުރީގެ ކުލަބު ބާސެލޯނާ އަށް ބަދަލުކޮށްދިނުމަށް އެދި ކުލަބުގެ އިސްވެރިންނާ ވެސް މަޝްވަރާކޮށްފަ އެވެ. ނަމަވެސް ބާސެލޯނާއިން އޭނާ ގަތުމަށް ހުށަހަޅަނީ 40 މިލިއަން ޕައުންޑާއި ފިލިޕޭ ކުޓީނިއޯ އާއި އިވާން ރަކިޓިޗްކެވެ.

ޕީއެސްޖީން މިވަގުތު ވިސްނަމުންދަނީ ނޭމާ އަށް އެކަށީގެންވާ އަގެއް ނުލިބިއްޖެނަމަ އޭނާއާ މެދު ފިޔަވަޅު އަޅާށެވެ. އެއީ 2022 ވަނަ އަހަރާ ހަމައަށް ނުކުޅެވައި ބެހެއްޓުމެވެ.