ވިޔަފާރި

ތުޅާދޫގައި ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ތުޅާދޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އެރަށުގެ ކައުންސިލްގެ ބޭފުޅުންނާއިއެކު ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މަޝްވަރާކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ބ. ތުޅާދޫ ކައުންސިންގެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައިވަނީ، ބ އަތޮޅާއި ށ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބަލައި ފަތުރުވެރިކަމުގެ ވިޔަފާރި އެ އަތޮޅުތަކުގެ ރަށްތަކަށް މިހާރަށް ވުރެ ބޮޑަށް ފުޅާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް މިނިސްޓަރު އެ ދެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރު އަލީ ވަހީދުގެ މި ދަތުރުފުޅަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށާއި، އެރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާގުޅޭގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އަދި ޓޫރިޒަމް ވިޔަފާރީގެ އެންމެހައި މަސްލަހަތުވެރިންނާއި ބައްދަލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޓޫރިޒަމް މިނިސްޓްރީން ކުރައްވަމުންގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުގެ މަޤްޞަދަކީ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ޚިޔާލާއި ލަފާ ހޯދުމެވެ.

ޓޫރިޒަމް މިނިސްޓަރުގެ މި ދަތުރުފުޅުގައި ށ. ކަނޑިތީމް ގައި ލޯކަލް ޓޫރިޒަމް ތަޢާރުފު ކުރުމުގެ ގޮތުން ހުޅުވޭ އެންމެ ފުރަތަމަ
ގެސްޓް ހައުސް އިފްތިތާޙު ކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ށ އަތޮޅަށް ކުރައްވާ ދަތުރުފުޅާއިއެކު، ޓޫރިޒަމް މިނިސްޓަރަށް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެވުނީއެވެ.