ޚަބަރު

ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ ފަޔާޟް ޖަލަށްލުމަށް ކުރި ދެޙުކުމްވެސް ހައިކޯޓުން ބާތިލުކޮށްފި


ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ޙާދީސާއާ ގުޅިގެން ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ ކެޕްޓަން އަޙުމަދު ފަޔާޟް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމް ޙައިކޯޓުން ބާތިލުކޮށްފިއެވެ.

ހައިކޯޓުންވަނީ އަޙްމަދު ފަޔާޟްގެ މައްޗަށް ކްރިމިނަލްކޯޓުން އިއްވާފައިވާ ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ މައްސަލާގައި އިއްވި ދެއަހަރުގެ ޖަލުޙުކުމާއި، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމާިއ ގުޅިގެން އިއްވި 3 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށްކުރި ޙުކުމްވެސް ބާޠިލުކޮށްފައެވެ.

މި ދެ މައްސަލަ ފަޔާޟްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ފިނިފެންމާ ލޯންޗުގެ ހާދިސާއާ ގުޅޭ މައްސަލާއާއި ގުޅިގެން އެމައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ފިނިފެންމާ ލޯންޗް ހާދިސާ ހިންގި ދުވަހު އެސަރަހައްދުގެ ކޮންޓްރޯލް ފަޔާޟް ނެގިތޯ ނުވަތަ އެތަނުގެ ކަންކަމާއި ހަވާލުވެ އަމުރު މައުރޫފް ހިންގީ އޭނާތޯ އާއި އަމުރު މައުރޫފް ހިންގުމަށް ސިފައިންގެ އިތުރު އޮފިސަރުންތަކެއް ތިބިތޯ ސާބިތު ކުރުމަކީ ފަޔާޟްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

ހަމައެހެންމެ އަޙްމަދު ފަޔާޟްގެ މައްޗަށް ދައުވާކޮށްފައިވާ ޤާނޫނުލްއުގޫބާތުގެ މާއްދާގައި ބުނާ ކުށްކުށުގެ އަމަލުގެ ތެރެއިން ފަޔާޟްކޮށްފައިވަނީ ކޮން އަމަލެއްކަން ދައުލަތުގެ ފަރާތުން ސާފުނުވާކަން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައިވެސް އެކަން ޕީޖީގެ ވަކީލުންނަށް ސާފުކޮށްދެވިފައިނުވާކަމާއި، އެކަން ސާފުކޮށްދީގެން މެނުއީ ކުށުގެ އެންމެ އަސާސީ އުންސުރުގެ ތެރޭގައި ހިމެނޭ ކުށުގެ އަމަލުގެ ރުކުން ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި ޙާދިސާއާ ހިނގުމާ ހަމައަށް އަޙްމަދު ފަޔާޒު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް ( އެސްޕީޖީ) އާއި ސިފައިންގެ ބަޑިގުދަނުގެ ވެރިޔަކަށެވެ.

ރިޔާސީ ލޮންޗްކޮޅުގައި ގޮއްވާލި އައިއީޑީ ތައްޔާރުކުރުމާއި ގޮއްވާލުމުގެ އަޑީގައި އެންމެ އިސްކޮށް ހުރިކަން ސާބިތުވެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ފަނަރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ޙުކުމްކުރައްވާފައެވެ. ނަމަވެސް ހައިކޯޓުންވަނީ އަދީބަށް އިއްވި އެޙުކުމްވެސް ބާތިލުކޮށްފައެވެ. އަދި އެކަމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ އަޙުމަދު އަދީބުގެ ދެ ބޮޑީ ގާރޑުންކަމަށްވާ ޙަސަން ރިކާޒާއި އަޙުމަދު އާމިރު ދިހަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމްވެސް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.