ކުޅިވަރު

ރީޔޫނިއަން އަތުން ބަލިވެ ވޮލީ ޓީމް މުބާރާތުން ކަޓައިފި


ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ތިންވަނަ މެޗުގައި ރީޔޫނިއަން އަތުން ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

ވޮލީބޯޅައިގެ ފިރިހެން އިވެންޓުގައި ރާއްޖެ ހިމެނުން ގްރޫޕްގައި ހިމެނުނީ ރީޔޫނިއަން އާއި ކޮމޮރޯސް އަދި މަޑަގަސްކަރައެވެ. ފުރަތަމަ މެޗުން މަޑަގަސްކަރަ އަތުން ބަލިވި ނަމަވެސް، އިއްޔެ ރާއްޖެ ވަނީ ކޮމޮރޯސް އަތުން މޮޅުވިއެވެ. އެހެންކަމުން މިއަދު ރީޔޫނިއަން އަތުން މޮޅުވެގެން، ސެމީގެ ޖާގައެއް ރާއްޖެއަށް ލިބެން އޮތް ނަމަވެސް، ރީޔޫނިއަން އަތުން ރާއްޖެ ބަލިވީ 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެސެޓުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ގިނަ ގޯސްތަކެއް ހަދާފައެވެ. އެގޮތުން ގިނަ ސާވިސްތަކެއް ދާގަނޑަށްވެސް އަމާޒުވިއެވެ. ފުރަތަމަ ދެ ސެޓު ރީޔޫނިއަންއިން ގެންދިޔައީ 25-22 އަދި 25-21 އިންނެވެ. ނަމަވެސް ތިންވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-22 އިންނެވެ. އެކަމަކު ހަތަރުވަނަ ސެޓު 25-18 އިން ގެންދިޔައީ ރީޔޫނިއަންއިންނެވެ. ވޮލީބޯޅަ އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމު ކެޓިއިރު، ކުޅުނު ދެ މެޗުން ބަލިވެ އަންހެން ޓީމު ވެސް ވަނީ މުބާރާތުންކަޓާފައެވެ.