ކުޅިވަރު

ދިވެހި ޓެނިހަށް 50 އަހަރު ފުރުން ފާހަގަކޮށް ޚާއްސަ ހަފްލާއެއް ބާއްވައިފި


ދިވެހިރާއްޖޭގައި ރަސްމީކޮށް ޓެނިސް ކުޅެން ފެށިތާ 50 އަހަރު ފުރުމާ ގުޅިގެން ޚާއްސަ ޙަފަލާއެއް ބާއްވައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި މި ޚާއްސަ ހަފްލާގައި، ރާއްޖޭގައި ރަސްމީކޮށް ޓެނިސް ކުޅެން ފެށިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން އެސޯސިއޭޝަނުން ހިންގުމަށް ރާވާފައިވާ ކަންތައްތައް ވަނީ އިފްތިތާޙް ކޮށްފައެވެ.

ޤައުމީ ޓެނިސް މުބާރާތް ބާއްވާތާ 50 އަހަރު ފުރުމާގުޅިގެން ބޭއްވި ލޯގޯ ޑިސައިން ކުރުމުގެ މުބާރާތުން އެއްވަނަ ހޮވުނު ލޯގޯވެސް ވަނީ ދައްކާލާފައެވެ. އަދި އެއްވަނައަށް ހޮވުނު ލޯގޯ ހުށައެޅި، އާރާ އާސަލް އާޒިމްއަށް ވަނީ ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްފައެވެ.

މީގެއިތުރުން ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި އައިޓީއެފް އަންޑަ އޭޖް މުބާރާތުގައި ވާދަކުރީ ރާއްޖޭގެ ފަނަރަ އަހަރުން ދަށުގެ ޓީމް ދެއްކި މޮޅު ކުޅުން ފާހަގަކޮށް ޓީމުގެ މެމްބަރުންނަށް ވަނީ ހަނދާނީ ލިއުން ދީފައެވެ.

ޓެނިސް އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ ޓެނިހަށް 50 އަހަރު ފުރުމާ ގުޅިގެން އެސޯސިއޭޝަންގެ މެމްބަރޝިޕް ކާރޑް ތަޢާރަފްކުރަން ނިންމާފައެވެ. އަދި އެސޯއިއޭޝަންގެ ވެބްސައިޓް އަޕްޑޭޓްކޮށް އައު ފީޗާސްތަށް ތަޢާރަފް ކުރުމުގެ އިތުރުން ފަންސާސް އަހަރުގެ ތެރޭގައި ޓެނިހުން ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަށް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ރަންޔޫބީލް ޓެނިސް މުބާރާތާއި ހުރިހާ އުމުރުފުރާތަކަށް ބަހާލައިގެން ޓެނިސް މުބާރާތެއް ބާއްވަން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ ޓެނިސް ތާރީޚު އެންގޭ ޓީވީ ރިޕޯޓެއް ތައްޔާރުކުރުމަށް ވަނީ ނިންމާފައެވެ.

މި ހަފްލާގައި، 50ވަނަ ޤައުމީ ޓެނިސް މުބާރާތާއި މުބާރާތަށް ފަންސާސްއަހަރު ފުރުމާއި ގުޅިގެން ބާއްބާ ހަރަކާތްތަކުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި އެސޯސިއޭޝަނުން ވަނީ ޕީއެސްއެމް އާއިއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފައެވެ.