ޚަބަރު

ހުސްވެފައިވާ ޖޭއެސްސީގެ މެންބަރުކަމުގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައިފި


ބާ ކައުންސިލް މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ ވަކީލަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް 6 ބޭފުޅަކު ވާދަކުރައްވައިފިއެވެ.

ބާ ކައުންސިލާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުނެގުން މިރޭ 20:00 ގައި ބާޖަމާލުއްދީނުގައި އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވިއެވެ.

މިއިންތިޚާބުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީރަޖިސްޓަރ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިއަދުގެ އިރުއޮއްސި ފަހެއް ޖެހުމާ ހަމައަށްނަމަވެސް އެ ފުރުސަތު މިރޭ 9 ޖެހުމާހަމައަށް ވަނީ އިތުރުކޮށްފިއެވެ.

ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު އޮބްޒާވް ކުރުމާއި މޮނިޓަރ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރައްވަމުންނެވެ. ދާދިފަހުން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޤާނޫނީ ފަންނުގެ ޤާނޫނު ބުނާގޮތުން ބާކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީއަށް އިންތިޚާބުކުރަންޖެހެއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، އެ ޤާނޫނުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކަށް ވާންޖެހެއެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރުގެ މެންބަރުކަން، ނިމުމަކަށް އަންނާނެކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ކުރިން ވަކީލުންގެ ފަރާތުން ތަމްސީލްކުރައްވަމުން ގެންދެވީ ޤާނޫނީ ވަކީލް ލަޠީފާ ޤާސިމެވެ. ނަމަވެސް ޤާނޫނީ ފަންނުގެ ޤާނޫނާއެކު ލަޠީފާ ޤާސިމްގެ މަޤާމު ވަނީ ގެއްލިފައެވެ.