ކުޅިވަރު

މެސީގެ ކޮންޓްރެކްޓް އާކުރަން ބާސެލޯނާއިން ވިސްނަނީ


ކެޕްޓަން ލަޔޮނަލް މެސީގެ ކޮންޓްރެކްޓް އާކުރަން ބާސެލޯނާއިން މަޝްވަރާތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މެސީ ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރަށެވެ. ނަމަވެސް މިހާރު އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ އުމުރުން 36 އަހަރު ވަންދެން ބާސެލޯނާގައި ބަހައްޓަން އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި އާ ކޮންޓްރެކްޓާއެކު މެސީގެ މުސާރަ ބޮޑުވުމުގެ އިތުރަށް އޭނާ ވިއްކާލާ އަގަށް ވެސް ބާސެލޯނާއިން ބަދަލު ގެންނާނެ އެވެ. އެންމެ ފަހުގެ ކޮންޓްރެކްޓް ބުނާގޮތުން އޭނާ ވިއްކާނީ 700 މިލިއަން ޕައުންޑަށެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވަނީ މެސީ އަށް ބޭނުންވަނީ މުސާރަ ބޮޑު ކޮންޓްރެކްޓެއް އެކަނި ނޫން ކަމަށް ވެސް ބުނެފަ އެވެ. މި ގޮތުން އޭނާ ޓީމުގައި ބަހައްޓާނަމަ ވަރުގަދަ ސްކޮޑެއް އޮތުމަކީ ވެސް މެސީ ހުށަހަޅާ ޝަރުތެކެވެ.