ޚަބަރު

އެފްއައިޔޫގެ ކުރީގެ ވެރިޔާ، އަޝްރަފަށް ގަވަރަނަރުގެ ބޮޑެތި ތުހުމަތުތަކެއް


މަރުކަޒީބޭންކުގެ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް، އެޔުނިޓުގެ ޑޭޓާބޭސްގެ ތެރެއަށް ބޮޓެއް ލައިގެން ޓެލެގްރާމް ގްރޫޕަކަށް މައުލޫމާތު ބޭރުކުރަމުން ދިޔަކަމަށް ވިދާޅުވެ، އޭނާގެ މައްޗަށް ގަވަރުނަރު އަހުމަދު ނަސީރު އިތުރު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ގަވަރަނަރު އަހްމަދު ނަޞީރު، މިފަދަ ތުހުމަތުތަކެއް ކުރައްވާފައިމިވަނީ، ސީދާ ޤަވަރަނަރު ނަސީރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް އެފް.އައި.ޔޫގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ފޮނުވި ސިޓީއާ ގުޅިގެން ޤަވަރަނަރާ، އެފްއައިޔޫގެ ކުރީގެ ވެރިޔާއާ މާލިއްޔަތު ކޮމިޓީން ބައްދަލުކުރުމުންނެވެ.

ވަކިވަކިން ކުރިއަށްދިޔަ މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިން ކޮމެތީއަށް ހާޒިރުކޮށް މައުލޫމާތު ހޯދާފައިވަނީ މައްސަލަ ހުށައެޅުއްވި އްބްދުﷲ އަށްރަފްގެ ފަރާތުންނެވެ. އަޝްރަފްގެ ވާހަކަތަކާއި ގުޅިގެން މަރުކަޒީ ބޭންކްގެ ގަވަރަނަރު އަޙްމަދު ނަސީރާ މާލިއްޔަތު ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޞީރު ވަނީ އޭނާއާ ދެކޮޅަށް އެފްއައިޔޫގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ހުށަހެޅި ސިޓީގައި ހުރި ތުުހުމަތުތަކުގައި ހަގީގަތްތަކެއް އޮތް ކަމަށް އިއުތިރާފްވެލައްވާފައެވެ.

ގަވަރަނަރު އަޙްމަދު ނަޞީރު ވިދާޅުވީ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަރުކަޒީ ބޭންކުގެ ޔުނިޓެއްކަމަށާއި އެއީ މިނިވަން އިދާރާއަކަށް ނުވާތީ އެތަނަށް މުވައްޒަފުން އައްޔަންކުރަނީވެސް އަދި ވަކިކުރަނީވެސް އެބޭނުންކުންކަމަށާއި، އަބްދުﷲ އަޝްރަފްގެ ފަރާތުން ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިއެއްގެ މަޤާމުގެ މަސްޢޫލިއްޔަތުތަކަށް އިޙްމާލުވަމުންދިޔަކަން ކުރިންވެސް ފާހަގަވިކަމަށެވެ. އަޝްރަފް އެފްއައިޔޫގެ ވެރިޔާގެ މަޤާމުން ދުރުކުރީ ހައި ޕްރޮފައިލް ބޭފުޅެއްގެ އެކައުންޓަށް 2018 ވަނަ އަހަރުގެ ޖޫންމަހު ޖަމާކުރި ފައިސާގެ މައްސަލަ އެއަހަރުގެ ސެޕްޓޭމްބަރާ ހަމައަށްވެސް ތަޙްޤީޤީ އިދާރާއަކަށް ފޮނުވާފައި ނުވުމުންކަމަށް ނަޞީރު ވިދާޅުވިއެވެ. ނަސީރުގެ ވާހަކަފުޅުގައި

އެފް.އައި.ޔޫ ހަރުދަނާ ކުރަން އަޝްރަފްގެ އެއްބާރުލެއްވުން ނުލިބޭކަމާއި، އެޔުނިޓުގެ އަހަރީ ރިޕޯޓު ޕަބްލިޝްކުރުންފަދަ ކަންކަން ނުކުރެވި ހުރިކަން ފާހަގަކުރައްވަމުން ނަޞީރު ވިދާޅުވީ، އަޝްރަފްގެ ފަރާތުން އެފްއައިޔޫގެ މައުލޫމާތު ލީކްވަމުންދާ ކަމަށް ޝައްކު ކުރެވުނު ކަމަށާއި، އަޝްރަފް މަގާމުން ދުރުކުރި ފަހުން އެކަން ޔަގީންވިކަމަށެވެ.

ކޮމެޓީއަށް މައުލޫމާތު ދެއްވަމުން އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ އަދި މައްސަލަ ހުށައެޅުއްވި އަބްދުﷲ އަޝްރަފް ވިދާޅުވީ، ގަވަރަނަރާ މަޝްވަރާ ނުކޮށް އެޔުނިޓުން ފުލުހުންނަށާއި ތަޙްޤީޤީ އިދާރާތަކަށް މައްސަލަތައް ހުށައެޅުމުން އެކަމާ ގަވަރަނަރު ހިންހަމަޖެހިވަޑައި ނުގެން ފޯނުންނައި، އެމް.އެމް.އޭގެ ޓެރެސްގައިވެސް ބައްދަލުކޮށް ވާހަކަދެއްކެވިކަމަށެވެ. ނަމަވެސް އެފްއައިޔޫން ތަޙްޤީޤީ އިދާރާތަކަށް މައްސަލަ ހުށައަޅާއިރު ގަވަރަނަރަށް އަންގަވަންޖެހޭމަށް ޤަބޫލުނުކުރައްވާކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި ސްޓްރަކްޗަރ އަށް ބަދަލުގެނެސް މަޤާމު ބަދަލުކުރިމަށް ވިދާޅުވިނަމަވެސް އެއީ ޤަބޫކުރެވޭ ކަމެއްނޫންކަމަށާއި، އެޔުނިޓުގެ ވެރިޔާ ގިނައިން ބަދަކުކުރާނަމަ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެކަމަށް ޤަބޫލުނުކުރައްވާކަމުގައިވެސް އަބްދުﷲ އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ދެއްކެވި ހުރިހާ ވާހަކަތައް ގަވަރަނަރު ދޮގުނުކުރައްވާއިރު، ގަވަރަނަރު ވިދާޅުވީ އަޝްރަފާ ވާހަކަދެއްކެވީ ކޮންމެހެން ބޭނުންވާ މައުލޫމާތުތަކެއް އޮޅުންފިލުވުމަށްކަމަށެވެ. ނަސީރުވަނީ އެފްއައިޔޫގެ މަސައްކަތް ވަކިގޮތަކަށް ކުރުމަށް ނުވަތަ ވަކި ކަމަކާއި ގުޅޭ މައުލޫމާތު މުވައްޒަފުންގެ ފަރާތުން ހޯދާފައި ނުވާނެކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

އެމްއެމްއޭގެފައިނޭންޝަލް ޔުނިޓަކީ މަނީ ލޯންޑިރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޔުނިޓެކެވެ. އެ ޔުނިޓްގެ މަސައްކަތަކީ ޤާނޫނާއި ހިލާފަށް ހިންގާ ފައިސާގެ މުއާމަލާތްތަކުގެ މައްސަލަތައް ކަމާއި ގުޅޭ އިދާރާތަކަށް ހުށައެޅުމެވެ. މި ޔުނިޓްގެ ހެޑްގެ މަޤާމަށް ބޭފުޅުން އައްޔަރުކުރުމުގެ ބާރު ލިބިދީފައިވަނީ އެމްއެމްއޭގެ ގަވަރނަރަށެވެ.

އެމްއެޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލާ އެސީސީން އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރސީއަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރު އެހެން ކުންފުނިތަކަށް ޖަމާކުރި މައްސަލަ އެމްއެމްއޭގެ އެފްއައިޔޫން ބަލާ އެކަން އޭރުގެ ގަވަރނަރ އަޒީމާ އާދަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އަޒީމާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވުން އެފްއައިޔޫގެ ހެޑަކަށް އޭރު ހުންނެވި އިބްރާހިމް އާތިފް ޝުކޫރު ވަނީ އެމަގާމުން އިސްތިއުފާދެއްވާފައެވެ.