ކުޅިވަރު

ޓީމު މޮޅަށް ކުޅުނު، މަދުވަނީ މެޗު ތަޖްރިބާ - ސަތޯ


މެޗުން ބަލިވިނަމަވެސް އާދަޔާ ހިލާފަށް މޮޅަށް އެންމެ ފަހުގެ ޗެމްޕިއަން އާއި ދެކޮޅަށް ކުޅުނު ކަމަށް ރާއްޖޭގެ އަންހެން ޤައުމީ ވޮލީ ޓީމުގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފިއެވެ.

މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޤައުމީ އަންހެން ޓީމް ކުޅުނު ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

އެހެންނަމަވެސް މިމެޗުގައި ދިވެހި ޓީމުން ވަނީ މޮޅަށް ކުޅެ ރިޔޫނިއަން ޕްރެޝަރަ ގެންގޮސްފައެވެ. މިގޮތުން ކޮންމެ ސެޓެއްގައިވެސް ލީޑުވެސް ނަގާ ނުރައްކާތެރި ހަމަލާތައް ވަނީ އުފައްދާފައެވެ.

މެޗަށްފަހު ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ މިމެޗުގައި ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި ލެވަލްގައި ކުޅޭއިރު ދިވެހި ޓީމަށް މިހާރު މަދުވަނީ މެޗު ތަޖްރިބާ ކަމަށާއި މުބާރާތައް އަންނަމުން ޕްރެކްޓިސް ކޮށްލާފައި އައުމުން މިކަހަލަ މުބާރާތެއްގައި ނަތީޖާ ނުނެރެވޭނެ ކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގައި މިއޮތީ ދޫރާލާ މަސައްކަތްކޮށްފިނަމަ ނަތީޖާ ނެރެވޭނެ ވަރުގެ ޓީމެއް ކަންވެސް ކޯޗު ސަތޯ ފާހަގަކުރިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމް މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.