މުނިފޫހިފިލުވުން

"މާމުއި"ގެ ފޮނި ކާމިޔާބަށްފަހު "ނޮވެންބަރ"


ޑާކް ރެއިން އެންޓަރޓައިންމެންޓުން މި މަހު ގެ އެއްވަނަ ދުވަހު ބެލުންތެރިންނާ ހަމައަށް ގެނެސްދިން ފިލްމު "މާމުއި" މި ވަނީ ބެލުންތެރިން މާރަނގަޅަށްވެސް ބަލައިގެންފައެވެ.

ހައުސް ފުލް އެތައް ޝޯތަކެއް އޮލިންޕަހުގައި ދެއްކުމަށް ފަހު ކުޑަ " ބްރޭކަކަށް" ދިޔައީވެސް ބެލުންތެރިންނަށް އެނބުރި އަންނާނެކަމުގެ ޔަޤީންކަންދެމުންނެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުން އަންނަ ޑާކް ރެއިން އެންޓަރޓައިންމެންޓުގެ މާމުޔަށްފަހު އަނެއްކާވެސް މިއޮތީ ތަފާތު ފިލްމެކެވެ. "ނޮވެންބާރ" މި ފިލްމުގެ ލީޑް ރޯލްލުން ފެނިގެންދަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ބެލުންތެރިން ބަލައިގަނެފައިވާ "ޖޯޑެއް" ކަމަށްވާ ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

މި ދެތަރިންގެ އިތުރުން 90 ގެ ސްޓަރ އިސްމާޢިލް ވަޖީހާއި "މާމުއި"އިން ތަފާތު އެކްޓިންއެއް ދެއްކި އިޔާދާގެ އިތުރުން އެތައް މަޝްހޫރު ފަންނާނުންތަކެއް ފެނިގެންދާނެކަމަށް ޑާކްރެއިނުން ބުނެއެވެ. ޢާއިޝަތު ފުއާދާއި އަޙްމަދު ތޮލާލްގެ ސްކްރީން ޕްލެއަށް ތައްޔާރުކުރާ މި ފިލްމު ޑައިރެކްޓް ކުރަނީ އަލި ޝިފާއު (ޗިއްޕެ)އެވެ.

ޕީއެސްއެމް ނިއުސްއަށް މި ފިލްމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މި ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު އަލީ (މޮގާ) ބުނީ މިފިލްމަކީ ލޯބިގެ ފިލްމެއްކަމަށެވެ. އަދި މިފިލްމުގެ ލީޑް ރޯލްއިން ފެނިގެންދާ މަޖޫގެ ތަފާތު ކެރެކްޓާއެއް މި ފިލްމުން ފެނިގެންދާނެ ކަމަށްވެސް މޮގާ ވަނީ ބުނެފައެވެ.
މިހާރު ކުރިއަންދަނީ މިފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށާއި މިފިލްމަކީ ބޮޑުބަޖެޓަކުން ހަދާ ފިލްމެއްކަމަށްވެސް މޮގާ ބުންޏެވެ.

ފިލްމު ޝޫޓް ކުރަން ހަމަޖެހިފައިވަނީ ރާއްޖޭގެ އިތުރުން ސިންގަޕޫރުގައެވެ. ފިލްމު ސިނަމާއަށް އަންނާނެ ވަކި ތާރީހެއް އަދި ނޭނގެއެވެ. ނަމަވެސް ޑާކްރެއިނުން ބުނީ އަންނަ އަހަރުގެ" ނޮވެމްބަރ" އަހަރުގެ ކުރީކޮޅު އަންނާނެކަމަށެވެ.