ޚަބަރު

ފުރަތަމަ ފަހަރަށް ކުނިން ކަރަންޓް އުފައްދަން ފަށައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓް އުފައްދަން ފަށައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓް އުފައްދަން ފަށާފައިވާކަމަށާއި މިމަސައްކަތް ފަށާފައިވަނީ މިއަދު ރ.ވަންދޫ ކުނި މެނޭޖުކުރާ ސަރަޙައްދީ މަރުކަޒުގައިކަމަށެވެ. އަދި ކުންޏަކީ ފައިސާ ލިބޭ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރި ވަޢުދު ފުއްދަންފަށާފައިވާކަމަށްވެސް މިނިސްޓަރ ގެ ޓްވީތްގައި ވަނީ ފާޙަގަކުރައްވާފައެވެ.

ރ. ވަންދޫއަކީ ކުނި އަންދައިގެން އުފެދޭ ހޫނުން ކަރަންޓް ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ ރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރ. ވަންދޫގައި ކުނިން ކަރަންޓް އުފައްދައިގެން ކަރަންޓް ދޭތާ ދެވަރަކަށް ދުވަސްވެއްޖެއެވެ.

އަދި އެ ރަށުގައި ދުވާލަކަށް ފަސްސަތޭކަ ކިލޯ ވޯޓު ނުވަތަ ޕޮއިންޓް ފަހެއް މެގަވޮޓުގެ ކަރަންޓް އުފެއްދިގެންދާނެއެވެ. އެއާއެކު އެރަށަށް ބޭނުންވާ ކަރަންޓަކީ ތެލަށް ބަރޯސާނުވެ އަންދާލެވޭ ކުނީގެ ހޫނުން ލިބިގެންދާނެ އެއްޗަކަށް ވެގެންދާނެއެވެ.

މި މަޝްރޫއަށް ތިނެއް ޕޮއިންޓް ހަތަރެއް މިލިއަން އެމެރިކާ ޑޮލަރު ހަރަދުވެގެންދާއިރު، މިއީ އަބޫދާބީ ފަންޑް ފޯރ ޑިވޮލޮޕްމެންޓާއި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ލޯނެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.

ވަންދޫގައި މިހާރުވެސް އަންނަނީ ހަލާކުވާ ޒާތުގެ ކުންޏާއި ހަލާކުނުވާ ޒާތުގެ ކުނި ވަކިވަކިން އެންމެ ފުރިހަމަ ގޮތުގައި ނައްތާލަމުންނެވެ. އަދި އެރަށަކީ ސަރުކާރުން ސަރަޙައްދީ ފެންވަރުގައި ކުނި ނައްތާލަންފެށި ފުރަތަމަ ރަށެވެ.