ޚަބަރު

ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމުގެ ތިންވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފި


ޔޫތް މިނިސްޓްރީން ކުރިއަށްގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް"ގެ މިއަހަރުގެ ތިންވަނަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޔޫތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ އިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިފަހަރުގެ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ފުލުހުންގެ މުޢައްސަސާގެ ތަފާތު މަސައްކަތްތަކާގުޅޭ ގޮތުންނެވެ.

ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގެ މިއަހަރުގެ ތިން ވަނަ ޕްރޮގްރާމުގައި ޖުމްލަ 21 ޒުވާނަކު ވަނީ ބައިވެރިވެފައެވެ. މިފަހަރުގެ ޕްރޮގްރާމް ޙާއްސަކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތްތަކާއި ގުޅޭގޮތުންނެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ވަނީ ފުލުހުން ވަކި ވަކި ޑިޕާޓްމަންޓްތަކުން ކުރާ ތަފާތު މަސައްކަތްތަކާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތުދީފައެވެ. އަދި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ދައްކާލާފައިވާއިރު، އެކަންކަން ޢަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ދީފައިވެއެވެ.

އެގޮތުން އިސްކަންދަރުކޮށީގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކުރުމުގެ އިތުރުން އެއަރޕޯޓުގައި ހަރަކާތްތެރިވާ ޑޯގް ސްކޮޑްގެ މަސައްކަތްތަކާއި، ދޫނިދޫގައި ހުންނަ ފުލުހުންގެ ތަމްރީން މަރުކަޒުގެ މަސައްކަތްތައް ޕްރޮގްރާމުގެ ބައިވެރިން ތަޖުރިބާކޮށްފައިވެއެވެ.

މި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ތަޢުލީމީ ހަޔާތް ނިންމާލުމަށްފަހު ވަޒީފާގެ މައިދާނަށް ނުކުންނައިރު ކުދިންގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ މުހިއްމު ކޮލެޓީއަކީ ރަނގަޅު އަޙްލާޤުކަމަށެވެ. އަދި ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންވިކަމުގައިވިޔަސް މަސައްކަތުގެ އަޙްލާޤުނެތްނަމަ ކާމިޔާބު މީހަކަށްނުވެވޭނެކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އަޙްމަދު އިރާޝް ވިދާޅުވީ، މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާގެ ފުރުޞަތުތަކަށް ޒުވާނުން އަހުލުވެރިކުރުވުންކަމަށެވެ. އެގޮތުން ވަޒީފާދޭ ތަފާތު ފަރާތްތަކާގުޅިގެން މި ޕްރޮގްރާމް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، މި ޕްރޮގްރާމުން ދަސްވާ ކަންކަން ޢަމަލީ މައިދާނުގައި ބޭނުންކުރުމަށް އިރާޝް ގޮވާލެއްވިއެވެ.

މިއީ ވަރަށް ބޭނުންތެރި ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމްގެ ތެރެއިން ފުލުހުންގެ މުޢައްސަސާއިން ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކާގުޅޭ މުހިއްމު މަޢުލޫމާތުތަކެއް އެނގިގެންދިޔަކަމަށް ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި މި ޕްރޮގްރާމުގެ ބައެއް ބައިވެރިންވަނީ ފާހަގަކޮށްފައެވެ.

ޔޫތް މިނިސްޓްރީން ކުރިއަށްގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ" ޓޫރިޒަމް، ޓްރާންސްޕޯޓް، ކޮންސްޓްރަކްޝަން، ސޯޝަލް ސެކްޓަރ ފަދަ ސެކްޓަރތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާއި ބެހޭގޮތުން ޒުވާނުންނަށް މަޢުލޫމާތު ފޯރުކޮށްދީ ވަޒީފާގެ މާޙައުލާމެދު ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކުންފުނިތަކާއި މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުން ތަފާތު ދާއިރާތަކުގެ އެކި ފަރާތްތަކާއި ބައްދަލުވެ މައުލޫމާތު ޙިއްސާ ކުރެވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.