ކުޅިވަރު

ދިވެހިރާއްޖެ އަކީ ނަތިޖާ ބަދަލު ކޮށްލެވޭ ވަރުގެ ޓީމެއް: ސައުދީ


ޔޫއެފާ މުބާރާތުގައި ރާއްޖެ ކުޅުނު މެޗަށް ބަލާއިރު ރާއްޖެ އަކީ ނަތިޖާ ބަދަލު ކޮއްލެވިދާނެ ޓީމެއްކަމަށް ސައުދި އަރަބިއްޔާގެ ކޯޗު މުހައްމަދު އަމީން ބުނެފިއެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި މިމަހު 20 ވަނަ ދުވަހު ފެށި ޔޫއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ މުބާރާތުގައި މިއަދު ރާއްޖެ އާއި ދެކޮޅަށް ނިކުންނަ މެޗާއި ބެހޭ ގޮތުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ސައުދީ ޓީމުން ބުނީ އެޓީމު ކުޅުންތެރިން މެޗަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެއްދުވަސް ރިކަވަރީ އަށް ލިބި އިއްޔެ ޕްރެކްޓިސް ކުރުމަށް ފަހު މިއަދު މެޗަށް ނިކުންނައިރު ރާއްޖެ އާއި ކުޅޭ މެޗު އުނދަގޫ މެޗަކަށް ވާނެކަމަށް އަމީން ބުންޏެވެ.

އޭނާ ބުނީ ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ލަނޑު ވަދެފައި އޮތް އިރު ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހައި ނަތީޖާ ބަދަލު ކުރަން މަސައްކަތް ކުރިތަން ފެނިގެން ދިޔަ ކަމަށެވެ. އެހެން ކަމުން ސައުދީގެ ކުޅުންތެރިންނަށް މިމެޗު ފަސޭހަވާނެ ކަމަށް ނުދެކޭކަމަށް ކޯޗް ފާހަގަކުރިއެވެ.

ސައުދީ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އައްޑޫ ފުޓްބޯޅަ ދަނޑުގައެވެ. ސައުދީ ޓީމް މުބާރާތުގެ ފުރަތަމަ މެޗުން ލެޓްވިއާ އަތުން ބަލިވި އިރު ރާއްޖެވެސް ވަނީ ބޫޓާން އަތުން ބަލިވެފައެވެ. އެހެން ކަމުން މުބާރާތުގައި ކުރިއަށް ދިއުމަށް މިދެޓީމަށް ވެސް މިމެޗުން މޮޅުވުން މުހިންމެވެ.