ޚަބަރު

ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ދެނެގަނެވޭނެ ޝެޑިއުލެއް ޖޭއެސްސީން ތައްޔާރުކުރަނީ


ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ދެނެގަނެ ވީހާވެސް އަވަހަށް އެމައްސަލަތައް ދެނެގަނެވޭނެ ގޮތުގެ ޝެޑިއުލްއެއް ތައްޔާރުކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ 47 ވަނަ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ޚިލާފަށް ދިގުދެމިގެންދާކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ލިބެމުންދާތީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވާން ދިމާވާ މައިގަނޑު ސަބަބުތަކީ ކޮބައިތޯ ދެނެގަތުމަށް އެކުލަވާލެވުނު ކޮމިޓީން ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓު ހުށައެޅުމުން އެރިޕޯޓ ފާސްކުރުމުންނެވެ.

އެގޮތުން ކްރިމިނަލް ކޯޓުގައި ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް ބަލައި، މި މައްސަލަތައް އަވަހަށް ނިންމުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި މައްސަލަތައް ގެންދެވޭނެ ގޮތުގެ ޝެޑިއުލްއެއް ތައްޔާރުކުރުމަށްވަނީ ޖޭއެސްސީގެ ކޮމިޓީ ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ޖޭއެސްސީން ބުނީ މި ރިޕޯޓު ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ކޯޓުތަކަށާއި، ތަންފީޒީ އިދާރާތަކާ ޙިއްސާކުރުމަށްވެސް ނިންމަވާފައިވާކަމަށެވެ.