ކުޅިވަރު

ރައީސްގެ ޤައުމީ ޖޯޝަށް އައްސަރިބަހާއި ސާބަސް!


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ދިވެހިރާއްޖޭގެ އަންހެނުންގެ ޤައުމީ ޓޭބަލް ޓެނިސް ޓީމު ހޯދި ރަން މެޑަލާއެކު ރާއްޖޭގެ ކުޅިވަރުގެ މުޅިން އައު ސަފުހާއެއް ފެށުނީއެވެ. އުއްމީދީ ޒުވާން ދެ ކުޅުންތެރިން ހިމެނޭ ޓީމާމެދު، މުސްތަޤުބަލަށް ކުރެވޭ އުއްމީދުތައް އެތައް ގުނައެއް އިތުރުވީއެވެ. ބައިނަގްއަޤްވާމީ ކުޅިވަރު މުބާރާތެއް ޓީމު އިވެންޓަކުން ހޯދި ފުރަތަމަ ރަން މެޑަލާއެކު ތާރީޚީ އަންހެނުންގެ ޤައުމީ ޓީޓީ ޓިމު ތާރީޚުގެތެރެއަށް ވަނީއެވެ.

މި ތާރީޚީ ކާމިޔާބު ހޯދުމުގައި ދިވެހި ޓީމަށް ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ. އެހެންނަމަވެސް ދެގޮތެއްނުވެ ގޭމްސްގެ ކުރިންނާއިގެ ގޭމްސްގެ މެޗުތައް ކުޅުނު ވަގުތު ދިވެހި ޓީމަށް ހިތްވަރުދެއްވައި ތަރުޙީބުދެއްވުމުގެ އެންމެ ކުރީ ސަފުގައި ހުންނެވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މޮރީޝަސްގެ ޤައުމީ ޓޭބަލްޓެނިސް ހޯލުގައި ކުރިއަށްދިޔަ އަންހެނުންގެ ޓީމް އިވެންޓް ފައިނަލަކީ މީގެ ކުޑަކުޑަ މިސާލެކެވެ. ރާއްޖެއިން ހޯދާ ކޮންމެ ޕޮއިންޓަކާއިއެކު ރައީސް ސާލިހުގެ ތަރުޙީބާއި، ޖޯޝާއި ފޯރި އުތުރި އަރަމުންދިޔަ މަންޒަރު ފެނުމަކީ ކޮންމެ ދިވެެއްސެއްގެ ޤައުމީ ވިންދު އަވަސްވެ ލޭކައްކުވާލި ކަމެކެވެ.

މެޗު ކުޅެމުންދިޔަވަގުތު ޓީމަށް ހިތްވަރު ދެއްވައި، ކުޅުންތެރިންނަށް އަތްޕުޅުގެ އިޝާރާތުން ސާބަސް ދެއްވި މަންޒަރު އެތައްފަހަރަކު ފެނުނެވެ. ތިން ގަޑިއަރަށް ދެމިގެންދިޔަ ފައިނަލް މެޗުގައި ރައީސްގެ ހިތްވަރުދެއްވުމާއި، ޓީމަށް ސަޕޯޓުކުރެއްވުމަކަށް ބަދަލެއް ނާދެއެވެ. ހުރިހާ ވަގުތެއްގެއްވެސް ހޭދަކުރެއްވީ ޝަޢުވެރިކަމާއެކު މެޗު ބެއްލެވުމަށެވެ. ސަޕޯޓުކުރެއްވުމަށެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުގައި މަންޒަރު ފެނުނީ މާ ބޮޑަށްވެސް ތަފާތުކޮށެވެ. ސީދާ ކޯޓު ކުރިމަތީ ހުންނަވައި ރައީސް ޓީމަށް ސަޕޯޓް ދެއްވުމުގެ ނަތީޖާއަކަށްވީ، އެމަނިކުފާނުގެ ވަފުދުގެ މެމްބަރުވެސް އެއް ފޯރިއެއްގައި ސަޕޯޓްކުރުމެވެ. ހަށިފާރަވެރިންނާއި ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި، ރައީސް އޮފީހުގެ މީޑިޔާ މެމްބަރުންވެސް އެންމެ ތަންފުކެއް ދުލެއް ނުދެއްވައެވެ.

މެޗު ނިމުމާއިއެކު ރައީސްގެ ޤައުމީ ރޫޙު ފެނުނީ މީގެ ކުރިން މަދުންނޫނީ ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ނުފެންނަފަދަ ގޮތަކަށެވެ. އުފާފާޅުކުރުމަށް އެންމެ ފުރަތަމަ ދުވެވަޑައިގެންނެވި ދިވެހި ސަޕޯޓަރަކީ ރައީސެވެ. ކޯޓުގެ ފެންސް މަތިން ފުންމަވާލައްވައި ޓީމުގެ މެމްބަރުންނާއެކު އުފާފާޅުކުރުންތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ފަހަތްޕުޅުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުވެސް ޓީމާއިއެކު އުފާފާޅުކުރުންތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި ޓީމު ހޯދި ރަން މެޑައްޔާއިއެކު ދުވަހުގެ ފޮނި ހަނދާންތައް ތާރީޚުގެތެރެއަށް ވަދެގެން ހިނގަައްޖެއެވެ. ދިވެހި ކުޅުންތެރިންގެ ކަރުގައި ރަން މެޑަލް އަޅުވައިދެއްވީވެސް ރައީސް ސާލިހެވެ. އަދި ޓީމާއިއެކު ފޮޓޯތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު މޫނު މަތިން ފެންނަންހުރި އުފާވެރިކަމުގެ ޤައުމީ އިހުސާސްތަކަކީ މުޅި ޤައުމުގެ ރޫހެވެ.

ރައީސް ސާލިހު އެ ދެއްވީ ވަރުގަދަ މެސެޖެކެވެ. މިލޮބުވެތި ޤައުމު ހޯދާ ކޮންމެ ރީތި ނަމަޚާއި ޝަރަފެއްގެ ހައްޤުވެރިނަކީ ދިވެހިންނެވެ. އެކަމުގެ އުފަލާއި ހިތްހަމަޖެހުން އުފެދޭނީ ދިވެހި ހިތްތަކުގައެވެ. އެކާމިޔާބެއް ވަކި ފަރުދަކު ހޯދިޔަސް ޓީމަކުން ހޯދިޔަސް އެއިޙްސާސާއި އެވިންދު ކޮންމެ ދިވެހި ހިތެއްގައި ހިނގާނެއެވެ. ރައީސްގެ ފަރާތްޕުޅުން ފެނުނީ މިއަދު ދިވެހި ސަރުކާރުން ކުޅިވަރަށް ދޭ އަހަމިއްޔަތުކަމެވެ.

ރައީސެވެ. މަނިކުފާނަށް ހިފެހެއްޓުމެއް ނެތް ޝުކުރެވެ. އައްސަރިބަހާއި ސާބަހެވެ.