ޚަބަރު

ރަން މެޑަލާއެކު ޓީޓީ ޓީމު ތާރީޚުގެ ތެރެއަށް! ސާބަސް!


ޒުވާން ދެ ކުޅުންތެރިންކަމަށްވާ އައިޝަތު ރަފާ ނާޒިމްއާއި ފާތިމަތު ދީމާ އަލީގެ މޮޅު ކުޅުމާއިއެކު 2015ގެ ޗެމްޕިއަން މޮރީޝަސް ބަލިކޮށް ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އައިއޯއައިޖީން ރަން މެޑަލް ހޯދައިފިއެވެ.

މޮރީޝަސްގައި މިހާރު ކުރިއަށްދާ 10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޓީމް އިވެންޓުން ރާއްޖޭގެ އަންހެން ޓީޓީ ޓީމް ރަން މެޑަލް ހޯދީ ފޯރިގަދަ ފައިނަލް މެޗުގައި މޮރީޝަސް 3-2ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ޓައިގައި ދިވެހި ޓީމުން ކުޅެން ނިކުތީ ފާތިމަތު ދީމާ އަލީއެވެ. މިހާތަނަށް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ދީމާ ކުޅުނު މި މެޗުން އޭނާ ބަލީވީ ތިނެއް އެކަކުންނެވެ. އެއީ 09-11، 2-11، 12-10 އަދި 06-11ންނެވެ.

ރަން މެޑަލްގެ އުއްމީދު ދިވެހި ޓީމަށް ހޯދައިދިނީ ދެވަނަ ޓައި ކާމިޔާބުކޮށް އައިޝަތު ރަފާ ނާޒިމްއެވެ. މޮރީޝަސްގެ އެއްވަނަ ކުޅުންތެރިޔާއާއި ވާދަކުރި ފޯރިގަދަ ޓައި ރަފާ ކާމިޔާބުކުރީ 3-2އިންނެވެ. ފުރަތަމަ ސެޓު 09-11އިން ގެއްލުނު ނަމަވެސް ޖެހިގެން އަދި ދެ ސެޓު 12-10 އަދި 11-07ން ރަފާ ކާމިޔާބުކުރިއެވެ. ހަތަރުވަނަ ސެޓު 03-11އިން ބަލިވި ނަމަވެސް ފޯރިގަދަ ފަހު ސެޓު ރަފާ ކާމިޔާބުކުރީ 11-09އިންނެވެ. ތިންވަނަ ޓައިގައި ރާއްޖޭގެ މުއީނާ މުޙައްމަދު މޮރީޝަސް ކުޅުންތެރިޔާ އަތުން ބަލިވީ 01-11، 08-11 އަދި 12-14ންނެވެ.

ރާއްޖެއަށް ރަން މެޑަލްގެ އުއްމީދު ދަމަހައްޓައިދިނީ ފާތިމަތު ދީމާ އަލީއެވެ. ހަތަރުވަނަ ޓައިގެ ފުރަތަމަ ސެޓު 07-11ން ބަލިވެފައިވަނިކޮށް ޖެހިގެން އައި ތިން ސެޓު ދީމާވަނީ ކާމިޔާބުކޮށްދީފައެވެ. ސެޓުތައް ދީމާ ގެންދިޔައީ 11-06. 11-05، އަދި 11-06ންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ޓައިގައި ރާއްޖޭގެ ރަފާ ނާޒިމްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ތިނެއް އެކަކުން މި ސެޓު ރަފާ ކާމިޔާބުކުރިއިރު ފުރަތަމަ ދެ ސެޓުވެސް ރަފާ ކާމިޔާބުކުރީ ފަސޭހަކަމާއިއެކުގައެވެ. އެއީ 11-06، 11-05ންނެވެ. ތިންވަނަ ސެޓު 10-12އިން ރަފާ ބަލިވި ނަމަވެސް އޭނާވަނީ ޖެހިގެން އައި ސެޓު 13-11ން ކާމިޔާބުކޮށް ރާއްޖެއަށް ޗެމްޕިއަންކަން ހޯދައިދީފައެވެ.