ޚަބަރު

މަހިބަދޫ އާސާރީ މިސްކިތުގެ އެތެރޭގައި ބަހައްޓާފައިހުރި ސިމެންތި ބަސްތާތައް ނަގަން އަންގައިފި


އދ.މަހިބަދޫގައި ހުރި އާސާރީ މިސްކިތުގެ އެތެރޭގައި ބަހައްޓާފައިހުރި ސިމެންތި ބަސްތާތައް އަންނަ ބުދަ ދުވަހުގެ ކުރިން ނެގުމަށް އެތަކެތި ބެހެއްޓި ފަރާތަށް މަހިބަދޫ ކައުންސިލުން އަންގައިފިއެވެ.

މަހިބަދޫގައި ހުރި އާސާރީ މިސްކިތުގައި ބަހައްޓާފައިހުރި ގިނަ ޢަދަދެއްގެ ސިމެންތި ބަސްތާތަކެއްގެ ފޮޓޯ ވަނީ މިދިޔަ ހަފްތާ ބަންދުގައި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މިކަން ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.

މިމައްސަލައާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެރިޓޭޖް މިނިސްޓްރީ ގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ވިދާޅުވީ މިމައްސަލައާއި ގުޅިގެން މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ކައުންސިލް މެދުވެރިކޮށް އެސިމެންތި ބެހެއްޓި ބައެއް ހޯދާ އެމީހުން ލައްވާ މިސްކިތަށް ގެއްލުން ނުވާނެގޮތަށް އެތަކެތި ނެރުމަށްކަމަށެވެ. އަދި މިފަދަ ބައެއް ކަންކަން މަދުމަދުންނަމަވެސް ރަށްރަށުން ފެންނަކަމަށާއި މިނިސްޓްރީން މަސައްކަތްކުރަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި އާސާރީ ތަންތަނާއި ގުޅޭގޮތުން މީހުން ހޭލުންތެރިކޮށްގެން މިފަދަ ކަންކަން ރަނގަޅުކުރުމަށްކަމަށެވެ.

އެގޮތުން މިހާރު މަހިބަދޫ ކައުންސިލުންވަނީ އަންނަ ބުދަ ދުވަހުގެ ކުރިން މިސިމެންތި މިސްކިތުން ނެރުމަށް އެތަކެތި ވެއްދި ފަރާތަށް އަނގާފައެވެ. ކައުންސިލުން މިގޮތަށް ޢަމަލުކުރުމުން ހެރިޓޭޖް މިނިސްޓްރީންވަނީ އެކަން ފާހަގަކޮށް އެކައުންސިލަށް މަރުޙަބާވެސް ކިޔާފައެވެ.