ޚަބަރު

ޔޫތް މިނިސްޓްރީގެ ތިންވަނަ ކެރިއަރ ގައިޑެންސް ޕްރޮގްރާމް ފަށައިފި


ޔޫތް މިނިސްޓްރީން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް"ގެ މިއަހަރުގެ ތިންވަނަ ޕްރޮގްރާމް ފަށައިފިއެވެ.

ޔޫތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ އިން ކުރިއަށްގެންދާ މި އެކްސްޕޯ އަކީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ސަރުކާރުގެ އެކި މުވައްސަސާތަކާއި ޖަމްޢިއްޔާތަކާއި ގުޅިގެން ހިންގާ މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެންނެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ހަރަކާތުގެ ދެވަނަބައި ކުރިއަށްދާނީ މާދަމާ ހެނދުނުއެވެ. އިސްކަންދަރުކޮށީގައި މިއަދު ފެށި މި ޕްރޮގްރާމުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކާއި އެ ޑިޕާޓްމަންޓުގެ މަސައްކަތްތައް ދައްކާލާފައިވެއެވެ. މީގެ އިތުރުން އެކްސްޕޯގެ ބައިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކުރިއަށްދެވެންހުރި ދާއިރާތަކުގެ މަޢުލޫމާތުދީ ބައިވެރިންގެ ތެރެއިން ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ވަނީ ތަނަވަސްކޮށްދީފައެވެ.

ޔޫތް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ" ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޓޫރިޒަމް، ޓްރާންސްޕޯޓް، ކޮންސްޓްރަކްޝަން، ސޯޝަލް ސެކްޓަރ ފަދަ ސެކްޓަރތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާއި ބެހޭގޮތުން ޒުވާނުންނަށް މަޢުލޫމާތު ފޯރުކޮށްދީ ވަޒީފާ ގެ މާޙައުލާމެދު ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކުންފުނިތަކާއި މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުން ތަފާތު ދާއިރާތަކުގެ އެކި ފަރާތްތަކާއި ބައްދަލުވެ މައުލޫމާތު ޙިއްސާ ކުރެވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ވަޒީފާގެ ބާޒާރަށް ނިކުތުމަށް ތައްޔާރުވާ ޒުވާނުންނަށް ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.