ސިޔާސީ

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް މަޖިލީހަށް ދޮގު މަޢުލޫމާތު ދިންކަމަށްބުނާ މައްސަލަ ޕޮލިހަށް


ބޭންކް އޮފް މޯލްޑީވްސްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު މަޢުލޫމާތުދިންކަމަށް ތުހުމަތުކޮށް، އެ މައްސަލަ ފުލުހުންނަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީން ޢާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޞައްޙަ ނޫން މަޢުލޫމާތު ދީފައިވާކަމަށް އެ ކޮމިޓީގެ މުޤައްރިރު މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދަންނަވާފައިވާކަމަށެވެ. މާލިއްޔަތު ކޮމިޓީގެ މުޤައްރިރަކީ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްއެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯއަށް ތުހުމަތު ކުރެވޭ މި މައްސަލާގަ ތަހުޤީޤު ކޮށްދެއްވައި އެ މައްސަލައިގައި ދައުވާ ކުރަން ކަމާބެހޭ މުއައްސަސާއަށް ސިޓީއެއް ފޮނުވަން ނިންމާފައި ވަނީ. ސިޓީއެއް މިއަދުގެ ވަގުތެއްގައި ފޮނުވޭނެ." އަމީން އާންމު ވިދާޅުވިއެވެ.

މިމަހުގެ 16 ވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސްވެރިން ޙާޒިރުކޮށްފައިވަނީ އެމްއެމްޕީޢާރުސީގެ ޚިޔާނާތާއި ގުޅިގެން މަޢުލޫމާތު އޮޅުންފިލުވުމަށެވެ. ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވީ، ބޭންކުން މިހާތަނަށް އެކަމުގައި އަމަލުކޮށްފައިވާނީ ބޭންކިންގ ޤާނޫނާއި ޒަމާނުއްސުރެ ބޭންކުން އަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށްކަމަށެވެ. އެމްއެމްޕީއާރުސީއަށް ވެގެން ވަކި ޚާއްޞަ ގޮތަކަށް އަމަލުކޮށްފައި ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވަނީ ބީއެމްއެލްގެ އެއްވެސް މުވައްޒަފެއް އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވިކަން މިހާތަނަށް ސާބިތުވެފައި ނުވާކަމަށާއި، ބޭންކުގެ މުވައްޒަފުން އަމަލުކުރަމުން އައިސްފައިވަނީ ޤާނޫނާއި ޤަވާއިދާއި ބޭންކުގައި އަމަލުކުރާ އުސޫލްތަކާއި އެއްގޮތަށް ކަމަށެވެ.

މިދިޔަ ބުދަދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ޙާޒިރުކުރާ ފަރާތްތަކުން ދޮގު މަޢުލޫމާތުދޭނަމަ ތަޙްޤީޤްކޮށް ފިޔަވަޅު އަޅުއްވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީތަކަށް މަޢޫލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ބައެއް ބޭފުޅުން ސާފު ބަހުން ވާހަކަ ނުދެއްކެވުމާއި އިތުރުފުޅު ހައްދަވާކަމުގެ ޝަކުވާ ކޮމިޓީތަކުގެ މުޤައްރިރުންގެ ފަރާތުން ލިބިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މީގެފަހުން އިތުރުފުޅު ހައްދަވުމާއި، މަޢޫލޫމާތު ނުދިނުމަށް މަސައްކަތްކޮށްފިނަމަ އެކަން ތަޙްޤީޤްކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރަން ފޮނުއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އަދާކުރާ ވާޖިބުތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެމީހަކާ ސުވާލުކުރުމުގެ ޙައްޤު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެކަމަށްވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ.