ޚަބަރު

ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ ގޮޅިތައް ބައެއް ފަރާތްތަކުން ދޫކޮށްލުމުން އަލުން އިޢުލާންކޮށްފި


ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ލޯކަލް މާރުކޭޓްގެ ބައެއް ގޮޅިތައް ކުއްޔަށް ނެގި ފަރާތްތަކުން ދޫކޮށްލުމުން، އަލުން އެގޮޅިތައް ކުއްޔަށް ދިނުމަށް އިއުލާންކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން މިކަމާ ގުޅޭގޮތުން ނެރެފައިވާ އިޢުލާންގައި 67 އަކަފޫޓްގެ 19 ގޮޅި ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. އެއީ މަހަކު 1000 ރުފިޔާއަށް 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިގޮޅިތައް ދޫކޮށްލި ސަބަބާ ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލުން ބުނީ ބައެއް ފަރާތްތަކުން ގޮޅިތައް ދޫކޮށްލީ ހޮނިހިރު ބާޒާރު ކުރިއަށްދާނަމަ ގޮޅީގައި ވިޔަފާރި ނުވާނެކަމަށް ބުނެކަމަށެވެ. އަދި ބައެއް މީހުން ބުނާގޮތުން ގޮޅި ކުއްޔަށް ނަގާފަރާތަށް އެހެން މީހަކަށް ގޮޅި ކުއްޔަށް ނުދެވުންވެސް ބައެއް ފަރާތްތަކުން ގޮޅިތައް ދޫކޮށްލި ސަބަބެކެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ހަދާފައިވާ މާރުކޭޓުގައި ހޫނު ގަދަވުމުގެ ސަބަބުން ތަކެތި ހަލާކުވާކަމުގެ ޝަކުވާވެސް ބައެއް ފަރާތްތަކުން ކުރެއެވެ.

ބައެއް ފަރާތްތަކުން ގޮޅިތައް ދޫކޮށްލިނަމަވެސް ބައެއް ފަރާތްތަކުން ދަނީ މާރުކޭޓް ގޮޅިތަކުގައި ވިޔަފާރިކުރަމުންނެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް އިމާރާތް ކޮށްފައިވަނީ ކުޅުދުއްފުށީ ބަންޑާރަ މަގުގައެވެ. 4 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިއިމާރާތުގެ ދިގުމިނުގައި 104 ފޫޓް އަދި ފުޅާމިނުގައި 62 ފޫޓު ހުރެއެވެ. މި މާރުކޭޓުގައި އޮފީހަކާއި ސެކިއުރިޓީ ރޫމެއްގެ އިތުރުން ދަނޑުވެރިން ތަކެތި ވިއްކުމަށް 32 ގޮޅި ހުރެއެވެ.