 
					
									
			ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ 'ދިލްމާ ސައިފަތު'ގެ ގިނަ ރަހަތަކެއް ދައްކާލުމަށް ޚާއްސަ  ހަރަކާތެއް ބާއްވައިފިއެވެ.
ހޮސްޕީޓާލިޓީ ދާއިރާއާއި އެފް އެންޑް ބީ ދާއިރާއަށް ޚާއްސަކޮށްގެން ދިލްމާ ސައިފަތުގެ ރަހަ ދައްކާލުމަށް ކުރިއަށްގެންދިޔަ މިހަރަކާތް ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. 
1988 ވަނަ އަހަރު މާކެޓަށް ނެރުނު ދިލްމާ ސައިފަތަކީ މިހާރު ދުނިޔޭގެ ފެންވަރުގައި މަޤްބޫލު ސައިފަތުގެ ބްރޭންޑެކެވެ. ތަފާތު އެކި ރަހަތަކާއިއެކު މިކުންފުނިން ސައިފަތުގެ ވިޔަފާރިކުރަމުން އަންނައިރު މިއީ ރާއްޖޭގައި ވެސް މަޤްބޫލު ސައިފަތުގެ ބްރޭންޑެކެވެ. 
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ޚާއްސަ ހަރަކާތެއްގައި ދިލްމާ ސައިފަތުގެ ގިނަ ރަހަތައް ވަނީ މިހަރަކާތުގެ ބައިވެރިންނަށް ދައްކާލާފައެވެ. އެގޮތުން ސައިފަތުގެ 6 ވައްތަރެއްގެ ރަހަ ދައްކާލަފައިވާއިރު ސަޔާއެކު ކާން އެންމެ ކަމުދާނެ ލުއި ކެއުންތައް ވެސް ބައިވެރިންނަށް ދީފައިވެއެވެ.
މި ހަރަކާތުގައި ދިލްމާ ކުންފުނީގެ ސީއީއޯ ދިލްހާން ފެނާންޑޯ ބައިވެރިވެވަޑައިގެންފައިވާއިރު އޭނާ ވަނީ ދިލްމާ ސައިފަތުގެ ތާރީޚާއި ސައިފަތާއި ބެހޭ އެކި މަޢުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ސައިފަތް އުފައްދާގޮތާއި އެކި ރަހަތަކުގެ ސައިފަތް ތައްޔާރުކުރާނެ ގޮތުގެ ޕްރެޒެންޓޭޝަނެއް އޭނާ ވަނީ ހުށަހަޅާދީފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ސީއީއޯ ދިލްހާން ފެނާންޑޯ ވިދާޅުވީ ދިލްމާ ކުންފުނީގެ އަބަދުވެސް މަޤްސަދަކީ ކޮލިޓީ ރަނގަޅު ސައިފަތް ކަސްޓަމަރުންނާއި ހަމައަށް ގެނައުންކަމަށެވެ. އަދި ކުންފުނި އުފެދުނު ފަހުން ވެސް އާންމުކޮށް ސައިފަތް ވިއްކާ ކުންފުނިތަކާއި ޚިލާފަށް ގިނަ ރަހަތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީފައިވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސައިފަތުގެ ރަހަ ދައްކާލުމަށް ބޭއްވި މި ހަރަކާތުގައި އެކުންފުނިން ނެރުނު އެންމެ ފަހުގެ އުފެއްދުން "އެލިކްސާ އޮފް ސިލޯން ޓީ" ވަނީ އާންމުކޮށް ދައްކާލާފައިވެއެވެ. 
މީގެ އިތުރުން މަޝްހޫރު ބާޓެންޑަރ ޓޮމެކް މަލެކް ވަނީ މިހަރަކާތުގައި ބައިވެރިވެ ތަފާތު ބުއިންތައް ތައްޔާރުކޮށް އޭނާގެ ހުނަރު ދައްކާލާފައެވެ. 
ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ހަރަކާތުގައި ގާތްގަނޑަކަށް 100 ފަރާތަކުން ބައިވެރިވެފައިވާއިރު މީގެ ތެރޭގައި 50 އަށް ވުރެ ގިނަ ރިސޯޓު ހިމެނެއެވެ. 
ދިލްމާ ސައިފަތް ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ ސިމްޑީ ގްރޫޕުންނެވެ. ސިމްޑީން ރާއްޖެއަށް ދިލްމާ ސައިފަތް އެތެރެކުރާތާ 20 އަހަރުވެފައިވާއިރު ސިމްޑީން ދަނީ ދިލްމާ ސައިފަތުގެ އެކި ރަހަތައް ރާއްޖެއަށް އެތެރެކުރަމުންނެވެ. 
ފާއިތުވި އަހަރުތަކުގައި ދިލްމާ ސައިފަތް ދުނިޔޭގެ ފެންވަރުގައި މަޤްބޫލު ސައިފަތަކަށް ވެފައިވާއިރު މިއީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އަގުބޮޑު ސައިފަތުގެ ލިސްޓުގައި ހިމެނޭ ސައިފަތެކެވެ.