ކުޅިވަރު

ފިރިހެނުންގެ ބެޑްމިންޓަން ޓީމު، މޮރީޝަސް އަތުންވެސް ބަލިވެއްޖެ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ، ބެޑްމިންޓަންގައި ދިވެހި ފިރިހެނުންގެ ޓީމް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމް ކުޅުނު ދެވަނަ މެޗުން ބަލިވީ މޮރީޝަސްއާ ބައްދަލުކޮށް 4 - 1 އިންނެވެ.

ޖުމްލަ 5 މެޗު ކުޅުނުއިރު ދިވެހި ޓީމަށް ކާމިޔާބުކުރެވުނީ ސިންގަލްސްގައި އަޖްފާން ކުޅުނު މެޗު އެކަންޏެވެ. މިމެޗު އަޖްފާން ކާމިޔާބުކުރީ ފުރަތަމަ ސެޓު ގެއްލިފައިވަނިކޮށް ފަހަތުން އަރައި ޖެހިގެން ކުޅުނު ދެސެޓު ކާމިޔާބުކޮށްގެންނެވެ. އެއީ 14-21، 21-17، 21-18އިންނެވެ.

ސިންގަލްސްގެ ދެވަނަ މެޗުން ނިބާލް ބަލިވީ 13-21ގެ ސްކޯއަކުން ދެސެޓުވެސް ގެއްލުމުންނެވެ. އަދި ތިން ވަނަ މެޗުގައި ނަޝީއު ބަލިވީވެސް ސީދާ ދެ ސެޓުންނެވެ. އެއީ 12-21، 12-21 އިންނެވެ. ޑަބަލްސް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން އަޖްފާން އާއި ޝަމިއުގެ ޕެއަރ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. އެއީ 8-21، 21-17، 13-21 އިންނެވެ.

ޑަބަލްސް ދެވަނަ މެޗުގައި ނަޝީއު އާއި ނަޝްފާން އަތުން ފުރަތަމަ ގޭމް ގެއްލުނީ 12-21ނެވެ. އަދި ދެވަނަ ގޭމް ނިމުނީ 9-21 މޮރީޝަސް މެޗު ކާމިޔާބުކޮށްގެންނެވެ.