ކުޅިވަރު

2015ގެ ރަން މެޑަލް ހޯދި މޮރީޝަސް ބަލިކޮށް ރާއްޖޭގެ އަންހެން ޓީމު ސެމީ ފައިނަލުން ޖާގަ ހޯދައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީގެ ޓޭބަލް ޓެނިސް އިވެންޓުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދިވެހި ޓީމު ފުރަތަމަ ނިކުތީ މުބާރާތް ބާއްވާ ޤައުމު އަދި 2015ގެ ރަން މެޑަލް ހޯދި މޮރީޝަސްއާއި ދެކޮޅަށެވެ. ވަރުގަދަ މޮރީޝަސް އަތުން ދިވެހި ޓީމް މޮޅުވީ 3-2ންނެވެ. މެޗުގެ ފުރަތަމަ ގޭމް ކާމިޔާބުކުރީ މޮރީޝަސުންނެވެ. ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ފުރަތަމަ ގޭމުގައި ބަލިވީ ސީދާ ތިން ގޭމުންނެވެ. ދެވަނަ ގޭމު ރާއްޖޭގެ ފާތިމަތު ދީމާ ޢަލީ ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. އެހެންނަމަވެސް، ތިންވަނަ ގޭމުގައި ރާއްޖޭގެ ޖުމާނާ ނިމާލްވަނީ 3 ގޭމް 1 ގޭމުން މޮރީޝަސް ކުޅުންތެރިޔާ އަތުން ބަލިވެފައެވެ.

މެޗުން މޮޅުވާން ރާއްޖެއަށް ފުރުސަތެއް އޮތީ ޖެހިގެން އައި މެޗުގައި ރަފާ ނާޒިމް މޮޅުވެގެންނެވެ. ރަފާވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، 11-6، 13-11 އަދި 15-13ން ކާމިޔާބުކޮށް މެޗުން މޮޅުވުމުގެ އުއްމީދު ދަމަހައްޓާފައެވެ.

މެޗުގެ ޑިސައިޑިން ސެޓު ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ފުރަތަމަ ސެޓު މޮރީޝަސް ކުޅުންތެރިޔާ ކާމިޔާބުކުރީ 7-11އިންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު 11-5 އަދި 11-8ން ކާމިޔާބުކޮށް ދީމާވަނީ އުއްމީދު ދަމަހައްޓާފައެވެ. ހަތަރުވަނަ ސެޓު 8-11ން ކާމިޔާބުކުރީ މޮރީޝަސް ކުޅުންތެރިޔާއެވެ. މުޅި ސްޓޭޑިއަމްގައި ތިބި ހުރިހާ މޮރީޝަސް ސަޕޯޓަރުން ސިއްސުވާލައި 12-10ން ސެޓު ކާމިޔާބުކޮށް ދީމާވަނީ މެޗުން ދިވެހި ޓީމު މޮޅުކޮށްދީފައެވެ.

ގްރޫޕްގެ ދެވަނަ މެޗުގައި ދިވެހި ޓީމު ނިކުތީ މަޔޮޓްއާއި ދެކޮޅަށެވެ. މި މެޗު ދިވެހި ޓީމުން ކާމިޔާބުކުރީ ސީދާ ތިން ޓައިއިންނެވެ. ފުރަތަމަ ޓައި ރަފާ ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. ދެވަނަ ޓައި ދީމާ ސީދާ ތިން ގޭމުން ކާމިޔާބުކުރިއިރު، ފަހު ޓައި މުއީނާވެސް ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ.

މި ނަތިޖާތަކާއިއެކު މާދަމާ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދިވެހި ޓީމު ނިކުންނާނީ ގްރޫޕް ބީގެ ދެވަނަ ހޯދި މަޑަގަސްކަރއާއި ދެކޮޅަށެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 2015ގެ ރަން މެޑަލް ހޯދި މޮރީޝަސް ނިކުންނާނީ މިދިޔަ އަހަރު ރިހި މެޑަލް ހޯދި ރިޔޫނިއަންއާއި ދެކޮޅަށެވެ.

ދިވެހިރާއްޖެއިންވަނީ 2015ގެ ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޓީމް އިވެންޓުންނާއި އަންހެން ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދާފައެވެ.