ކުޅިވަރު

ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ބަންގްލަދޭޝް ސްކޫލެއްގެ ހޭންޑްބޯޅަ ޓީމެ ރާއްޖެ އަތުވެއްޖެ


ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ބަންގްލަދޭޝްގެ ވިގަރުނިސަ ނޫން ސްކޫލުގެ ހޭންޑްބޯލް އަންހެން ޓީމް ރާއްޖެ އަތުވެއްޖެ އެވެ.

މިޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޚަބާކީ ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ގައުމީ އަންހެން އަދި ފިރިހެން ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން ނެވެ.

ބަންގްލަދޭޝް ޓީމުގެ މި ދަތުރުގައި ހުޅުމާލޭގެ ޣާޒީ ސްކޫލާއިއެކު 3 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކ.މާފުއްޓާއި، ކ.ގުރައިދޫ ގެ އިތުރުން އއ.ރަސްދޫއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން މަޢުލޫމާތު ދެއެވެ. އެގޮތުން ގުރައިދޫގައި މެޗް ތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި، މާފުށީގައި މެޗްތަކެއް ކުޅުމަށް ރާވަމުންދާ ކަމަށް ހޭންޑްބޯލް އެސޯސިއެޝަނުން މައުލޫމާތުދެ އެވެ.

ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ޖައުޝާން ޝަރީފް ވިދާޅުވީ، މިދަތުރަކީ ބަންގްލްދޭޝްގެ ހޭންޑްބޯލަ އެސޯސިއޭޝަނާއި ރާއްޖޭގެ ހޭންޑްބޯޅަ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ރޭވުނު ދަތުރެއް ކަމަށެވެ. އަދި މިދަތުރުގެ މައިގަނޑު މަޤްސަދަކީ، އިންޓަރ ސްކޫލް ލެވެލްގައި ހޭންޑްބޯޅައިގެ ފޯރި އިތުރުކުރުން ކަމަށްވެސް ޖައުޝާން ވިދާޅުވި އެވެ.

ޖެނެރަލް ސެކެޓްރީ ޖައުޝާން ޝަރީފް ވިދާޅުވީ މިހާރުވެސް މާލޭގެ ސްކޫލްތަކާއި އެއްވަރަށް އަތޮޅުތެރޭގެ ސްކޫލްތަކުގެ ފަރާތުންވެސް އިންޓަރ ސްކޫލް މުބާރާތްތަކަށް ލިބޭ ތަރުޚީބު ބޮޑު ކަމަށާއި، އެހެންކަމުން މިފަދަ ދަތުރުތަކުގެ ސަބަބުން އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރި ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ބާއްވާ އިންޓަރ ސްކޫލް މުބާރާތްތަކަށް އަތޮޅުތެރޭގެ ސްކޫލްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ، އެކަމު އެކި ސަބަބުތަކަށްޓަކައި އެކުދިންނައް ފުރުސަތު ނުދެވި މި އޮންނާނީ، އެހެންވީމަ މިފަދަ ދަތުރެއް އަތޮޅު ތެރެއަށް އަމާޒުކޮށްލުމުން އަތޮޅުތެރޭގައި ހޭންޑްބޯލައިގެ ފޯރި ވަރަށް ބޮޑަށް އިތުރުވެގެންދާނެ. ޖައުޝާން ވިދާޅުވިއެވެ.

ޓީމުގެ ކޯޗް މުޙައްމަދު ނާސިރުﷲ ބުނީ، ހޭންޑްބޯޅައަކީ ރާއްޖެއާއި އެއްގޮތަށް ބަންގްލަދޭޝްގައިވެސް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި، އެހެންކަމުން މިފަދަ ޓްރެއިނިން ދަތުރުގެ ސަބަބުން އެކުވެރިކަން އާލާވުމުގެ އިތުރަށް ގިނަ ކަންތައްތަކެއް ކުޅުންތެރިންނަށް ދަސްވެގެންދާނެ ކަމަށެވެ. އަދި މިއީ މިޓީން ރާއްޖެއައި ދެވަނަ ފަހަރުކަން ފާހަގަކޮށް ކޯޗްވަނީ ރާއްޖޭގެ ހޭންޑްބޯޅަ އެސޯސިއޭޝަނާއި، އެހީތެރިވި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

"ހޭންޑްބޯޅައަކީ ރާއްޖެއެކޭވެސް އެއްފަދައިން ބަންގްލަދޭޝްގައިވެސް ކުރިއަރަމުން އަންނަ ކުޅިވަރެއް. އެހެންވީމަ ސްކޫލް ކުދިންތަކަކަށް މިދަފަ ދަތުރެއް ތަޖުރިބާކޮށްލަން ލިބުމުން އެކުދިންނަށް ވަރަށް ބައިވަރި ކަންތައްތަކެއް ދަސްވެގެންދާނެ." ކޯޗް ބުންޏެވެ.

ދަތުރާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޓީމުގެ ކެޕްޓަން ފާތިމާ އަކްތަރު ބުނީ އެންމެފަހުން ޓިމް ރާއްޖެއަށް ކުރި ދަތުރުގެ ސަބަބުންވެސް ވަރަށް ބައިވަރު ކަންކަން ދަސްވި ކަމަށާއި، މިފަހަރުވެސް ބޭނުންވަނީ ރަނގަޅު މެޗުތަކެއް ކުޅެ ކަންތައްތަކެއް ދަސްކުރަން ކަމަށެވެ.

"އެންމެފަހުން ރާއްޖެއަށްކުރި ދަތުރުވެސް ވަރަށް ކާމިޔާބު، ވަރަށް ބައިވަރު ކަންކަން ދަސްވި، މިދަތުރުގައިވެސް ބޭނުންވަނީ ރަނގަޅު މެޗުތަކެއް ކުޅެ ގިނަ ކަންތައްތަކެއް ދަސްކުރަން، ކުރިން ފަހަރާއި އަޅާބަލާއިރު އަޅިގަނޑުމެންގެ ޓީމުގެ ފެންވަރުވެސް ރަނގަޅުވާނެ މިހާރު." ފާތިމާ އަކްތަރު ބުންޏެވެ.