ކުޅިވަރު

2023ވަނަ އަހަރުގެ އައިއޯއައިޖީ ހޯސްޓު ކުރުމަށް ރާއްޖެއިން ރަސްމީކޮށް ބިޑް ހުށައަޅައިފި


2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީ ދިވެހިރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ބިޑް ހުށައަޅައިފިއެވެ.

ރާއްޖެއިން ރަސްމީކޮށް ބިޑް ހުށައެޅީ މިއަދު ހެނދުނު މޮރީޝަސްގެ އިންޓަރ ކޮންޓިނެންޓަލް ހޮޓެލްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ އިތުރުން ބިޑަށް ވާދަކުރާ ކޮމޮރަސްއާއި މަޑަކަސްކަރވެސް ވަނީ ރަސްމީކޮށް ބިޑް ހުށައަޅާފައެވެ.

ރާއްޖޭގެ ބިޑް ރަސްމީކޮށް ހުށައެޅުމަށްފަހު މިނިސްޓަރ މަހްލޫފް ވިދާޅުވީ އައިއޯއައިޖީއަކީ ދިވެހިންގެ ހިތްތަކާއި ގުޅު ލާމެހިފައިވާ ކުޅިވަރު މުބާރަތެއްކަމަށެވެ. އެގޮތުން، އައިއޯއައިޖީއަކީ ދިވެހިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްކަމާއި ދިވެހި ކުޅިވަރުގެ ތާރީޚުގައިވެސް ބައިނަލްއަޤްވާމީ ގޮތުން ލިބުނު ފުރަތަމަ މެޑަލް ހާސިލްކުރި މުބާރާތްކަމާއި މީގެ އިތުރުން، ފުޓުބޯޅައިން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިން އެންމެ ފުރަތަމަ ޖެހި ގޯލުވެސް ކާމިޔާބުކޮށްފައިވާ މުބާރާތްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އައިއޯއައިޖީ މުބާރާތް ބާއްވަން ފެށިފަހުން، ކަނޑުހުރަސްކޮށް މުބާރާތުގައި ބައިވެރިވާން ރައްޖެއިން ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާތާ ސާޅީސް އަހަރު ވެއްޖެކަމަށާއި އަދި އެންމެ ފަހަރަކުވެސް މުބާރާތުގައި ބައިވެރިނުވެ ދޫކޮށްލާފައި ނުވާނެކަމަށެވެ. އެހެންކަމުން، މިއީ މި މުބާރާތް ފުރަތަމަ ފަހަރަށް ރާއްޖެއަށް ހޯސްޓްކުރަން ފުރުސަތުދޭންވީ އެންމެ ރަނގަޅު ދަނޑިވަލުކަމަށް މިނިސްޓަރ މަހްލޫފްވަނީ ފާހަގަކުރައްވާފައެވެ.

2023ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބު ކުރުމަށް ސަރުކާރުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަޢީސުލް ޖުމްހޫރިއްޔާ ޢިބްރާހިމް މުޙައްމަދު ޟާލިހުގެ ޚާއްސަ މަންދޫބުންގެ ގޮތުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވަނީ ރާއްޖޭގެ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން، މެންބަރ ޤައުމުތަކަށް ދަތުރުކުރައްވައި އެ ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާއެވެ.