ކުޅިވަރު

ކުލަގަދަ ރަސްމިއްޔާތަކުން އައިއޯއައިޖީ ފަށައިފި


10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީ ކުލަގަދަ ރަސްމިއްޔާތާއެކު މޮރިޝަސްގައި ފަށައިފިއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އިތުރުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ބައިވެރިވަޑައިގެންނެވިއެވެ. މިފަހަރުގެ ގޭމްސްގައި ދިވެހިރާއްޖޭގެ ދިދަ އުފުލާލާފައިވަނީ ބާސެކްޓް ކުޅުންތެރިޔާ އަހުމަދު ޒަބީރެވެ.

2015ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި 9ވަނަ އައިއޯއައިޖީގައި ރާއްޖެއިން 8 މެޑަލް ހޯދިއިރު މިފަހަރު ރާއްޖޭއިން މުބާރާތުގައި ބައިވެރިވެފައިވަނީ 15 މެޑަލް ހޯދުމަށް އަމާޒުކޮށްގެންނެވެ. ރާއްޖޭގެ ކޮންޓިންޖެންޓުގައި 226 މެމްބަރުން ހިމެނެއެވެ. އަދި މިފަހަރުގެ ގޭމްސްގައި ރާއްޖެއިން 9 ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ސްވިމިން، ޓޭބަލް ޓެނިސް، ސެއިލިން އަދި ވޮލީބޯޅައެވެ. އަދި މުޅިން އަލަށް މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ޕެރަލިމްޕިކް އިވެންޓުގައި ވާދަކުރާނެއެވެ.

10ވަނަ އައިއޯއައިޖީ މޮރިޝަސްގައި ކުރިއަށްދާއިރު، 2023ގައި އޮންނަ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން، 2023ގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތާޢީދު ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ ޝާހިދުވަނީ ރަސްމީ ދަތުރެއްގައި ސީޝެލްސް، މަޑަގަސްކަރ، މޮރީޝަސް އަދި ކޮމޮރޯސަށް ވަޑައިގެންފައެވެ. 2023ވަނަ އަހަރުގެ އައިއޯއައިޖީ ބާއްވާނެ ޤައުމެއް އިޢުލާން ކުރާނީ މިހާރު މޮރިޝަސްގައި ކުރިއަށްދާ މުބާރާތް ނިންމުމުގެ ރަސްމީޔާތުގައެވެ.