ކުޅިވަރު

ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުން ރާއްޖޭގެ އެތްލީޓް މުޙައްމަދު މޫސާ ރަން މެޑަލް ހޯދައިފި


12 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުން ރާއްޖޭގެ އެތްލީޓް މުޙައްމަދު މޫސާ ރަން މެޑަލް ހޯދައިފި އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ މުޙައްމަދު މޫސާ ރަން މެޑަލް ހޯދީ 55 ކިލޯގެ ކެޓަގަރީން ނެވެ. އޭނާ ޗެމްޕިއަންކަން ހޯދީ އަފްގާނިސްތާނާއި އިންޑިއާގެ ބޮޑީ ބިލްޑަރުންނާއި ވާދަކޮށެވެ.

55 ކިލޯގެ ކެޓަގަރީން މުޙައްމަދު މޫސާ ރަން މެޑަލް ހޯދުމުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފް ވަނީ އޭނާއަށް މަރުޙަބާ ދަންނަވާފަ އެވެ.

މިމުބާރާތުގައި ރާއްޖެއިން އެކިއެކި ކެޓަގަރީތަކުގައި 7 ބޮޑީބިލްޑަރުން ވާދަކުރުމަށްވަނީ ހަމަޖެހިފަ އެވެ. މުބާރާތައް ފުރުމުގެ ކުރިން ބޮޑީބިލްޑިން ޓީމްގެ ކޯޗް މުޙައްމަދު އިބްރާހީމް ބުނީ މިއަހަރުގެ މިމުބާރާތަށް ރާއްޖޭގެ ބޮޑީބިލްޑަރުން ތައްޔާރުވަމުން އަންނަތާ މިހާރު ދެމަސް ދުވަހަށްވުރެއް ގިނަ ދުވަސްވެފައިވާކަމަށާ ޓީމްގެ އެތްލީޓުން މިހާރު ތިބީ މުބާރާތަށް ވަރަށް ރަގަނޅަށް ތައްޔާރުވެފައިކަމަށްވެސް ކޯޗް މުހައްމަދު އިބްރާހިމް ބުންޏެވެ. އަދި އެހެން އަހަރުތަކާ އަޅާބަލާއި މިއަހަރުގެ މުބާރާތަށް ރާއްޖޭގެ އެތްލީޓުން ވަރަށް ރަގަނޅަށް މުބާރާތަށް ތައްޔާރުވެފައިވާކަމަށާ އުއްމީދަކީ އެއް ރަން މެޑަލާއި ރިހި މެޑަލަށްކަމަށްވެސް ކޯޗް މުހައްމަދު އިބްރާހިމް ބުންޏެވެ.

12 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕް މިމުބާރާތުގައި ވާދަކުރަނީ އަފްޣާނިސްތާން، ބޫޓާން، ބަންގަލްދޭޝް، އިންޑިޔާ، ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ސްރީލަންކާ އެވެ.