ވިޔަފާރި

ރިސޯޓް ތަރައްޤީކުރުމުގެ މުއްދަތު އިތުރުކުރުމަށް އަންނަމަހުގެ 13 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭ


ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން "ކޮންސްޓްރަކްޝަން ޕީރިއަޑް"ގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އަންނަމަހުގެ 13 ވަނަ ދުވަހުގެ ކުރިން މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހަޅަން ޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު"ގެ ދަށުން، މިހާތަނަށް "ކޮންސްޓްރަކްޝަން ޕީރިއަޑް"ގެ މުއްދަތު އިތުރުކުރުމަށް މިނިސްޓްރީއަށް ހުށަހަޅާފައިނުވާ ފަރާތްތަކަށް އެ ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި "ކޮންސްޓްރަކްޝަން ޕީރިއަޑް" ގެ މުއްދަތު އިތުރުކުރުމަށް ފުރުޞަތު ދެވިފައި ކަމަށެވެ.

އެހެންކަމުން "ކޮންސްޓްރަކްޝަން ޕީރިއަޑް" މުއްދަތު ހަމަވެފައިވާ ފަރާތްތަކުން 13 އޮގަސްޓުވަނަ ދުވަހުގެ 14:00ގެ ކުރިން މުއްދަތު އިތުރުކުރުމަށް އެދި ފޯމް ހުށަހެޅުއްވުމަށް ޓޫރިޒަމް މިނިސްޓްރީގެ އިޢުލާންގައިވެއެވެ.

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތައް ތަރައްގީކުރަން ދީފައިވާ މުއްދަތު އިތުރުކޮށްދީ، އެރަށްތަކަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި އާންމުކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

މިޤަވާއިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ "ކޮންސްޓްރަކްޝަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ ބާރު އެ މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން ކުއްޔަށް ދޫކުރާ ތަން އެއްކޮށް ތަރައްގީކޮށް ނިންމުމަށް މުއްދަތެއް ދިނުމާއި، ބައި ބަޔަށް ބަހާލައިގެން ތަރައްގީކުރަން މުއްދަތެއް ދެވޭނެ ގޮތްތަކެއް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.