ޚަބަރު

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ޒުވާނުން ޝަޢުގުވެރިވާ މުބާރާތަކަށްހެދުމަށް ޒަމާނީ ކުރަންޖެހޭ - މިނިސްޓަރ ޔުމްނާ


ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަކީ ޒުވާނުން ޝަޢުގުވެރިވާ އަދި ޒަމާނަށް ފެތޭފަދަ ގޮތަކަށް ކުރިއަށްގެންދާ މުބާރާތަކަށް ބަދަލުކުރަންޖެހޭކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

34 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ހުށައެޅުންތައް އަދިވެސް ކުރިއަށްގެންދަނީ ފެށުނީއްސުރެ އެކަން ކުރިއަށްގެންދާ އުސޫލުންކަމަށެވެ. އެހެންނަމަވެސް އެކަން މިހާރު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ވާހަކަދެއްކުމުގެ ފަންނުގައި އަންނަމުންދަ ބަދަލުތަކާއި ކުރިއެރުންތަކަށްވެސް އަދުގެ ކިޔަވާކުދިން ލޯހުޅުވުން މުހިއްމުކަމަށެވެ. އެގޮތުން ޕޯޑިއަމްތަކުގައި ހުއްޓިހުރެ ވާހަކަދެއްކުމުގެ އުސޫލަކީ ކުރީގެ އުސޫލެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަން ބަދަލުކޮށް ޒަމާނީ ވައްޓަފާޅިއަށް މުބާރާތް ބަދަލުކުރުމަކީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް އިތުރަށް ޒުވާނުން ޝައުގުވެރިވާފަދަ މުބާރާތަކަށް ވެގެންދާނެ ކަމެއްކަމަށެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވި ފަރާތްތަކާއި މުޚާތަބުކުރައްވާ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މިމުބާރާތުގައި ބައިވެރިވާ މީހުން ހަރުދަނާ މީހުންނަށްވެފައިވާ ގޮތް ތާރީޚުން ފެނިގެންގޮސްފައިވާކަމަށެވެ. އަދި ހަރުދަނާ ޝަޚުސިއްޔަތަކަށްވުމަށް ވާހަކަދެއްކުންތެރިކަމަކީ މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

34 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި އެކި ގިންތިތަކުން އެއްވަނައަށް ހޯދި ދަރިވަރުންނާއި ސްކޫލްތަކާއި އޮފީސްތަކަށްވަނީ އިނާމާއި ތައްޓާ ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ. އެގޮތުން އިބްތިދާއީ ގިންތިން އެއްވަނަ ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލްގެ އިޒްއާން ޢަލީއެވެ. އެގިންތިން އެންމެ މޮޅު ސްކޫލަކީ ޖަމާލުއްދީން ސްކޫލެވެ. ދަށު ސާނަވީ ގިންތިން އެއްވަނަ ހިރިޔާ ސްކޫލްގެ އަޙްމަދު އަލާއު އިސްމާޢީލް ހޯދާފައިވާއިރު މިގިންތިން އެއްވަނަ ސްކޫލަކީވެސް ޖަމާލުއްދީން ސްކޫލެވެ.

ސާނަވީ ގިންތިން އެއްވަނަ ޖަމާލުއްދީން ސްކޫލްގެ ޝާއިން މުޙައްމަދު ރިފްޢަތު ހޯދި އިރު އެއްވަނަ ސްކޫލަކަށްވެސް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލެވެ. މަތީ ސާނަވީ ގިންތިން އެއްވަނަ މުޙައްމަދު ރިޔާޝް ޢަބްދުލް މަޖީދު ހޯދާފައިވާއިރު މިގިންތިން އެއްވަނަ ހޯދާފައިވަނީ ސީއެޗްއެސްއީއެވެ. އަދި މަތީ ތަޢުލީމުގެ ބައިން އެއްވަނަ ހޯދާފައިވަނީ ޤައުމީ ޔުނިވަރސިޓީގެ މުޙައްމަދު ޒައިދާން ޒާހިރެވެ. އޮފީސް،ކުންފުނި، ކުލަބު ޖަމްޢިއްޔާގެ ގިންތިން އެއްވަނަ ހޯދާފައިވަނީ ކުލަބް ޓޫ.ޓޫ.ޒީރޯގެ އަލްއުސްތާޛާ ފާތުމަތް ނަބާހާއެވެ.

އެއްވަނައިގެ އިތުރުން ދެވަނަ ތިންވަނަ ހޮވާފައިވާއިރު މިމުބާރާތުގައި ކޮންމެ ގިންތިއަކުން ގަދަ 10 އެއްވެސްވަނީ ހޮވާފައެވެ. މިމުބާރާތް މިއަހަރު ބަހުގެ އެކަޑަމީން ކުރިއަށް ގެންގޮސްފައިވަނީ އެހެން އެއަހަރުތަކާއި ޚިލާފަށް ގިނަ ކުދިންނަށް ފުރުސަތު ފަހިވާގޮތަށެވެ. ވާދަވެރި މިމުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތައް އެތައް ސްކޫލެއް ބައިވެރވެފައިވާއިރު މިއަހަރު ޚާއްސަ އެހީއަށް ބޭނުންވާ ބައެއް ކުދިންވެސް ވަނީ މުބާރާތުގައި ވާހަކަދައްކާފައެވެ.