ޚަބަރު

މާވެޔޮ މިސްކިތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ އެ ސަރަޙައްދުގައި ހުރި ޓްރާންސްފޯމަރަކާ ހެދި - މިނިސްޓްރީ


މާވެޔޮ މިސްކިތުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ މިސްކިތުގެ ކައިރީގައި ޓްރާންސްފޯމަރެއް ހުރުމުން މަސައްކަތް ކުރިއަށްގެންދިއުމަށް ދަތިތަކެއް ދިމާވުމުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރިއަށްދިޔައިރު ދަތިތަކެއް ދިމާވި ނަމަވެސް މިހާރު ކުރިއަށްދަނީ މިސްކިތުގެ ފައިނަލް ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. އަދި އަންނަ އޮގަސްޓް މަހުގެ މެދުތެރޭގައި ނުވަތަ އެ މަހުގެ ފަހުކޮޅު މިސްކިތް ހުޅުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކުރިން ދެ ފަންގިފިލާއަށް ހުރި މާވެޔޮ މިސްކިތް ތަރައްޤީކުރަނީ ގާތްގަނޑަކަށް 1800 މީހުނަށް އެއް ފަހަރާ ނަމާދުކުރެވޭ ގޮތަށް 5 ފަންގިފިލައަށެވެ. މި މިސްކިތް ބިނާކުރުމަށްދާ ޚަރަދުގެ އެއްބައި ކުރިން ސަރުކާރުން ދޭގޮތަށް އޮތް ނަމަވެސް މިހާރު މި މަސައްކަތުގެ ހުރިހާ ޚަރަދެއްކުރާނީ އަމިއްލަ ފަރާތަކުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާވެޔޮ މިސްކިތް 5 ފަންގިފިލާއަށް އަލުން އިމާރާތްކުރުމަށް ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

މާވެޔޮ މިސްކިތް ނުވަތަ މަސްޖިދުލް ބަހާއުއްދީން ނުހުޅުވި ލަސްވަމުންދާތީ އެ ސަރަޙައްދުގައި ދިރިއުޅޭ އާންމުން ވަނީ އެކަމުގެ ޝަކުވާވެސް ކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ދެފަހަރެއްގެ މަތިން އެ މިސްކިތް ހުޅުވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ ރޯދަ މަހަށް މިސްކިތް ހުޅުވައި ބޭނުންކުރަން ފެށޭވަރުވާނެކަމަށް ކުރިން އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވީނަމަވެސް ދިމާވި އެކި ސަބަބުތަކާހެދި ރޯދަމަސް ނިމުނުއިރުވެސް ހުޅުވާފައެއް ނުވެއެވެ. އަދި ރޯދަމަސް ނިމި ދެމަސް ފާއިތުވެގެންދާއިރުވެސް ބައެއް މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވެ އަދިވެސް މިވަނީ މިސްކިތް ހުޅުވޭގޮތް ނުވެފައެވެ.