ސިއްހަތު

ދިވެހިރާއްޖެއަށް އެބޯލާ ބަލި އައުމުގެ ފުރުޞަތު އަދި ކުޑަ - އެޗްޕީއޭ


ކޮންގޯގައި މިހާރު ފެތުރެމުންދާ އެބޯލާ ދިވެހި ރާއްޖެއަށް އައުމުގެ ފުރުޞަތު އަދި ކުޑަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ދިވެހި ރާއްޖެއަށް އެބޯލާ އައުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމަށް މިހާރު ހެދިފައިވާ ރިސްކް އެސެސްމެންޓަށް ބަލާއިރު، ދިވެހިރާއްޖެއަށް މިބަލި އައުމުގެ ފުރުޞަތު އަދި ކުޑަކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއީ އިމަރޖެންސީއެއް ކަމަށް ކަނޑައަޅަޅާފައިވުމާއެކު، މިފަދަ އިމަރޖެންސީއެއް ދިމާވުމުން ކަންކުރާނެގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރެސްޕޮންސް ޕްލޭން އެކްޓިވޭޓް ކުރެވި، މިބަލިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މިހާރު ފަށާފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެގޮތުން ސިއްހީ ދާއިރާގެ ހެލްތް އިމަރޖެންސީ ކޯރޑިނޭޝަން ކޮމިޓީގައި ސިއްހީ ދާއިރާއިން ވާންވީ ތައްޔާރީތަކާބެހޭގޮތުން މަޝްވަރާކޮށް، އެކި ދާއިރާތައް ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަންސް (އައި.އެޗް.އާރް) ކޮމިޓީ ބައްދަލުކޮށް، ކަމާގުޅޭ ދާއިރާތަކުން ވާންޖެހޭ ތައްޔާރީތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މައުލޫމާތުތައް ހިއްސާކުރައްވާފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން، ރާއްޖޭގައި މީހަކު އެބޯލާއަށް ޝައްކުކުރެވިއްޖެނަމަ އަމަލު ކުރާނެ އުސޫލުތައް މުރާޖައާކޮށް، ކަމާގުޅޭ ފަރާތްތައް އެއުސޫލުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތް ފަށައި މި ބައްޔާބެހޭގޮތުން ކުރިއަށް ގެންދެވޭ މަސައްކަތްތަކާއި ޙާލަތު ގާތުން މޮނިޓަރކުރަމުންގެންދާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ކޮންގޯގައި އެބޯލާ ފެތުރެމުންދާތީ އިންޓަނޭޝަނަލް ޕަކްލިކް ހެލްތް އެމަޖެންސީ އިއުލާންކޮށްފައި. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނާ ގޮތުން އެބޯލާ ދުނިޔެއަށް ފެތުރިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑެވެ. ކޮންގޯގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އެބޯލާ ޖެހިގެން މިހާތަނަށް ސޯޅަސަތޭކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިމަރޖެންސީ އިއުލާނުކޮށް، ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ޤައުމުތައް ކަމަށް ފާހަގަކޮށްފައިވަނީ ކޮންގޯއާ އަވަށްޓެރި ޤައުމުތައް. އެބޯލާއިން މި ޤައުމުތައް ރައްކާތެރި ކުރުމަށް އިތުރު އަދި ޚާއްޞަ ފިޔަވަޅުތަކެއް އަޅާ، ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސްވަނީ ފަށާފައި.